މި އަހަރުގެ އަޟްހާ ޢީދު ދުވަހު، މައްކާގެ ކައުބަތުﷲ ގެ މައްޗަށް އިރު ސީދާވާނެ ކަމަށް ފަލަކީ އިލްމުވެރިން ބުނެފިއެވެ. މިއީ ކޮންމެ 33 އަހަރަކުން އެއްފަހަރު ފެންނަ ވަރަށް ނާދިރު އިއްތިފާގެއްކަމަށް ފަލަކީ ޢިލްމްވެރިންނާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި، މި ހާދިސާ ހިނގާނީ 2026 ވަނަ އަހަރުގެ މެއި މަހުގެ 27 ވާ ބުދަ ދުވަހުއެވެ. އެއީ ހިޖުރީ ގޮތުން 1447 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 10 ވަނަ ދުވަހެވެ. އެ ދުވަހުގެ މެންދުރުގެ ވަގުތުގައި އިރު ކައުބަތުﷲ ގެފުޅުގެ މައްޗަށް ސީދާވުމުން، މައްކާގައި ހުރި ތަންތަނުގެ ހިޔަނި އެއްކޮށް ކެނޑިގެންދާނެއެވެ.
އާންމު ގޮތެއްގައި ކައުބަތުﷲ ގެފުޅުގެ މައްޗަށް އިރު ސީދާވުމުގެ ހާދިސާ އަހަރަކު ދެ ފަހަރު ހިނގައެވެ. ނަމަވެސް، މި ހާދިސާ އީދު ދުވަހާ ދިމާވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އެންމެ ފަހުން މިފަދަ ކަމެއް ހިނގާފައިވަނީ 1993 ވަނަ އަހަރުއެވެ. މިކަން މިގޮތަށް ދިމާވަނީ ހިޖުރީ ކަލަންޑަރާއި މީލާދީ ކަލަންޑަރުގެ ދުވަސްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.
ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީން ބުނެފައިވަނީ، މިއީ ގުދުރަތީ ފަލަކީ ހާދިސާއެއް ކަމަށާއި، މީގެ ސަބަބުން ހޫނުމިން އާދަޔާ ހިލާފަށް މަތިވެގެން ނުދާނެ ކަމަށެވެ. އެ ސެންޓަރުގެ ތަރުޖަމާނު ހުސައިން އަލް ގަހްތާނީ ވިދާޅުވީ، "މި ހާދިސާއަކީ ކޮންމެ އަހަރަކުވެސް ބަލަމުން އަންނަ ކަމެއް ކަމަށާއި، މިކަމާ ގުޅިގެން ފެތުރޭ ސައިންސާ ހިލާފު ވާހަކަތަކަށް ސަމާލުވުމަށް އިލްތިމާސްކުރާ" ކަމަށެވެ.
2026 ވަނަ އަހަރުގެ މެއި 27 ވާ ބުދަ ދުވަހުގެ މައްކާ ގަޑިން 12:18 ގައި އިރު ގެފުޅާ ސީދާވާއިރު، އެ ވަގުތު ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް (އެ ވަގުތު އެ ތަނަކަށް އިރު ފެންނަން ހުރި ނަމަ)، އިރާ ދިމާލަށް ބަލައިފިނަމަ އެ ބެލެނީ ސީދާ ގިބްލައަށެވެ. މިއީ ގިބްލަ ކަށަވަރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
މި ފަލަކީ ހާދިސާ ކޮންމެ އަހަރަކު ދެ ފަހަރު ހިނގަނީ އިރުގެ ލެޓިޓިއުޑް މައްކާގެ ކޯޑިނޭޓްސްއާ ސީދާ ދިމާވާ ވަގުތުތަކުގައެވެ. އިސްލާމީ ކަލަންޑަރަކީ ހަނދުގެ މައްޗަށް ބިނާވެފައިވާ ކަލަންޑަރަކަށް ވާތީ، މި ތާރީޚުތައް ޢީދު ދުވަހާ ދިމާވުމަކީ 33 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ފެންނަ ހާއްސަ ކަމެކެވެ.
މަސްދަރު: ގަލްފް ނިއުސް، އަރަބިވެދަރ.ކޮމް، 24ނިއުސްއެޗްޑީޓީވީ.ކޮމް އަދި ޑައިލޮގް ޕާކިސްތާން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!