ޙައްޖުގެ އަޅުކަމުގައި މާތް الله ލައްވައިފައިވާ މަތިވެރި ޝަޢީރާތަކުން ކަށަވަރުވެ އެނގޭ އެންމެ ބޮޑު އެއް ޙަޤީޤަތަކީ، ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.

''ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް'' މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި ހުރި މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ބުނީ، ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން ޙައްޖުގެ މަނާސިކުތައް ނިމޭންދެން ކަންތައްތައް ކުރިއަށްދާ ގޮތަކީ، އިންސާނާ އޭނާގެ ޙަޔާތުގެ ދުވަސްތައް ވޭތިކުރާ ގޮތުގެ މިސާލެއް ކަމަށެވެ. އަދި ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ އުފަލެއްކަން ބަޔާންކުރައްވައި، މި ޙަޔާތާ މެދު ހެއްލުންތެރި ނުވުމަށް މާތް ﷲ އިންޒާރު ކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

Ad
rt

ޚުޠުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ޙައްޖަކީ ގުނައި ޢަދަދުކުރެވޭ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރެވޭ އަޅުކަމެކެވެ. އެ ދުވަސްތަކުގައި ޙައްޖާޖީން އެބައިމީހުންގެ މުދަލާއި، އަހުލުވެރިންނާއި ވަޒަން ދޫކޮށް މައްކާއަށް ގޮސް، ރޭގަނޑާއި ދުވާލު އަޅުކަމުގައި މަޝްޣޫލުވެއެވެ. ގެފުޅުގައި ޠަވާފުކުރުމާއި، ނަމާދުތަކާއި، ޛިކުރުކުރުމާއި ޤުރުއާން ކިޔެވުމުގައި ހީވާގިކަމާއެކު ވަގުތުތައް ހޭދަކުރެއެވެ. މިއަހަރު ޙައްޖަށް ދިއުމުގެ ނަޞީބު ނުލިބޭ މީހުންވެސް، ޙައްޖުވެރިން ފަދައިން އަޅުކަންތަކުގައި ފަރުވާތެރިވެ، މާތް ﷲ އަށް އަޅުކަން ޚާލިޞްކުރުމަށް ޚުޠުބާގައި ބާރުއަޅާފައިވެއެވެ.

އިންސާނާއަކީ މާތް ﷲގެ އަޅަކަށްވީ ހިނދު، އިލާހީ އަމުރުފުޅުތަކަށް ކިޔަމަންވުމަށް ޙައްޖުގެ އަޅުކަމުން ޢަމަލީ ތަމްރީނުތަކެއް ލިބިދޭކަން ޚުޠުބާގައި ފާހަގަކުރިއެވެ. ޙައްޖުވެރިޔާ އިޙުރާމް ބަންނަ ވަގުތުން ފެށިގެން އޭނާގެ ނަފުސަށް މަނާކުރާ ކަންތައްތަކުގެ ސަބަބުން، ދިރިއުޅުމުގެ އެހެން ކަންކަމުގައިވެސް ޙަރާމް ކަންތައްތަކުން ދުރުހެލިވުމަށް ފަސޭހަވެގެންދެއެވެ.

މީގެ އިތުރުން، ޙައްޖުގެ މަނާސިކުތައް އަދާކުރާނޭ ގޮތުގެ ތަރުތީބަށް އަލިއަޅުވާލަމުން، މިނާގައި ރޭކުރުމާއި، ޢަރަފާތް ބިމުގައި ދުޢާކުރުމާއި، މުޒްދަލިފާގައި ރޭކުރުމަށްފަހު ހިލައުކުމާއި، ހަދުޔު ކަތިލުމާއި ބޯބޭލުން ފަދަ ކަންކަމަކީ ކެތްތެރިކަމާއެކު އަދާކުރަންޖެހޭ ބުރަ މަސައްކަތްތަކެއް ކަމަށް ބުންޏެވެ. އަދި އުރެދުންތަކުން ދުރުހެލިވެ، މަބްރޫރު ޙައްޖެއް ހާސިލުކުރާ މީހާގެ ޖަޒާއަކީ ސުވަރުގެކަން ރަސޫލާގެ ޙަދީޘްފުޅުން ސާބިތުވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު، ރަޙިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވަމުން، ކުރިމަތީގައި އޮތް އަޟުޙާ ޢީދުގެ އުފާ ފާޅުކުރާއިރުވެސް އިސްލާމީ އުޞޫލުތަކުގެ ތެރޭގައި ތިބުމަށާއި، ހިތްތަކުން ޙަސަދަވެރިކަމާއި ނަފުރަތު ފިލުވައިލުމަށް މިއަދުގެ ޚުޠުބާގައި ވަނީ ގޮވައިލާފައެވެ.