ހދ. ކުޅުދުއްފުށީ ސިޓީގެ ތޮއްޓަށް ލޯންޗެއް މިއަދު އަރެމުގެ ހާދިސާއެއް ހިނގައިފިއެވެ.

އެނގިފައިވާގޮތުގައި މި ލޯންޗަކީ ހދ. ނޮޅިވަރަމަށް ނިސްބަތްވާ ލޯންޗެކެވެ. ލޯންޗް އަރާފައި ވަނީ ކުޅުދުއްފުށީ އެއާޕޯޓާއި ދިމާ ތޮއްޓަށެވެ.

Ad
rt

މި ހާދިސާ އާއި ގުޅިގެން ނޮޅިވަރަމަށް ނިސްބަތްވާ ނާއިމް ޢަލީ ޚަލީލް މީސްމީޑިއާގައި ބުނީ، ލޯންޗު ތޮއްޓަށް އަރަން މެދުވެރިވީ ކުޅުދުއްފުށިން ކުރިންބަށް ކުރި ދަތުރެއް ނިންމާލުމަށްފަހު އެނބުރި އައި މަގުމަތީގައި ލޯންޗުގެ ބެޓެރި ސްވިޗުގައި އަލިފާން ރޯވުމާ ގުޅިގެން ކަމަށެވެ.

އޭނާ ބުނިގޮތުގައި ބެޓެރި ސްވިޗުގައި ރޯވުމުން ކައްޕި ވަނީ ވަގުތުން ލޯންޗު ނިއްވާލާފައެވެ. ނަމަވެސް، އޭގެ ފަހުން ލޯންޗު ސްޓާޓު ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން، ރާޅުތަކުގެ ތެރޭގައި ލޯންޗު ކޮންޓްރޯލް ނުކުރެވި ގޮސް ކުޅުދުއްފުށީގެ ތޮށިގަނޑު މައްޗަށް އުރުނީކަމަށް ނާއިމް ބުނެފަވެއެވެ.

މި ހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ ކައްޕީގެ އިތުރުން އެންމެ މީހެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް އެ ސަރަހައްދުގައި ހުރެ ގެނެސްދިން ފޭސްބުކް ލައިވެއްގައި ނާއިމު ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވައިގަދަވެ ކަނޑުތައް ގަދަ ދުވަސްވަރެކެވެ. މިރެޔާއި މާދަމާ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވެ، މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ވަނީ ބުނެފައެވެ.