އެމެރިކާގެ ކްލެއަރމޮންޓް ސަރަޙައްދުގައި ހުންނަ އިސްލާމީ މަރުކަޒަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ބަޑީގެ ހަމަލާއެއްގައި ތިން މީހަކު މަރުވެފައިވާއިރު، މި ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ދެ ޒުވާނުން ވެސް ވަނީ ހަމަލާއަށްފަހު އަމިއްލައަށް މަރުވެފައި ތިއްބާ ފެނިފައެވެ.

އެ ސިޓީގެ ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި ހަމަލާއަކީ އިސްލާމްދީނާ ދެކޮޅު ނަފްރަތުގެ އަމަލެކެވެ.

Ad
rt

ޕީ.ޑީ.ޓީ ގަޑިން ހެނދުނު 11:43 ހާއިރު ދިން މި ހަމަލާގައި މަރުވެފައިވަނީ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތްކުރި އަމީން ޢަބްދުﷲ އާއި އެ މަރުކަޒުގެ އިތުރު ދެ މުވައްޒަފުންނެވެ. އަށް ކުދިންގެ ބައްޕައެއް ކަމަށްވާ އަމީން މަރުވީ އެ ވަގުތު މަރުކަޒުގެ ސްކޫލުގައި ތިބި ކުޑަކުދިންނާއި އެހެނިހެން މީހުން ސަލާމަތްކުރުމަށް ފުރާނައިން ގުރުބާންވެ، ދެއްކި ހިތްވަރުގަދަ ނަމޫނާއެއްގެ ތެރެއިންނެވެ. އޭނާގެ ހުޝިޔާރުކަމުގެ ސަބަބުން އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހަމަލާ ދީފައިވަނީ އުމުރުން 17 އަހަރުގެ ކެއިން ކްލާކް އަދި 18 އަހަރުގެ ކޭލެބް ވަޒްކޭޒް ކަމަށް ފުލުހުން ބުނެއެވެ. މި ދެމީހުން ފެނިފައިވަނީ އިސްލާމިކް ސެންޓަރުގެ ކައިރީގައި އޮތް ކާރެއްގެ ތެރޭގައި އަމިއްލައަށް މަރުވެފައި ތިއްބައެވެ. އެމީހުން ދުއްވި ކާރުގެ ތެރެއިން އިސްލާމްދީނާ ދެކޮޅު ލިޔުންތަކާއި، ނަސްލީ ގޮތުން ފަހުރުވެރިވާ ކަމަށް ބުނެ ލިޔެފައިވާ ވަސިއްޔަތް ނާމާއެއް ވަނީ ފެނިފައެވެ. މީގެ އިތުރުން، ހަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރުގައިވެސް ނަފްރަތުގެ މެސެޖުތައް ލިޔެފައި ހުއްޓެވެ.

ހަމަލާ ދިން މީހުންގެ ތެރެއިން އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރިންވެސް ކުރަމުންދިޔައީ، އޭނާ ސިފައިންގެ ހެދުމެއްގައި، ވަދާޢީ ސިޓީއެއް ބޭއްވުމަށްފަހު ގޭގައި ހުރި ހަތިޔާރުތަކާއެކު ފިލައިގެން ގޮސްފައިވާ ކަމަށް އޭނާގެ މަންމަ ރިޕޯޓްކުރުމާ ގުޅިގެންނެވެ.

މި ހާދިސާގެ ސަބަބުން މުޅި މުޖުތަމައަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، މަރުވި އަމީން ޢަބްދުﷲ ގެ އާއިލާއަށް އެހީތެރިވުމަށްޓަކައި މިހާރު ދަނީ ފަންޑު އެއްކުރުމުގެ ހަރަކާތްތަކެއް ހިންގަމުންނެވެ.

ފުލުހުން ބުނި ގޮތުގައި، ރިޕޯޓް ލިބުމާއެކު މަދު މިނެޓުކޮޅެއްގެ ތެރޭގައި އެ ސަރަޙައްދަށް ގޮސް ނުރައްކާ ކޮންޓްރޯލް ކުރެވުނެވެ.

މި މައްސަލަ މިހާރުވެސް އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް ބެލި ބެލުމުން މިކަމުގައި އިތުރު ބަޔަކު ބައިވެރިވާ ކަމުގެ ހެއްކެއް އަދި ފެނިފައެއް ނުވެއެވެ.