އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމީ މަރުކަޒަކަށް ހޯމަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި، ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހިމެނޭހެން ޖުމްލަ ފަސް މީހުން މަރުވެއްޖެ ކަމަށް އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
މި ހަމަލާ ދީފައިވަނީ ސެން ޑިއޭގޯގެ ކްލެއާމޮންޓް ސަރަހައްދުގެ އެކްސްޓްރޯމް އެވެނިއު ކައިރީގައި ހުންނަ އިސްލާމިކް ސެންޓަރުގައެވެ.
ސެން ޑިއޭގޯގެ ޕޮލިސް ޗީފް ސްކޮޓް ވާލް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ފިރިހެނުންނާއި، ފުލުހުންގެ ހަމަލާތަކުގައި މަރުވި ބަޑިޖެހި ކަމަށް ބެލެވޭ ދެ މީހުން ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި އެ މަރުކަޒުގައި މަސައްކަތް ކުރާ ސެކިއުރިޓީ ގާޑަކު ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނި ގޮތުގައި، މިއީ ވަކި ދީނަކަށް ނުވަތަ ނަސްލަކަށް އަމާޒުކޮށް ދީފައިވާ "ނަފުރަތުގެ އަމަލެއް" ކަމަށް ބަލައިގެން، އެމެރިކާގެ ތަހުގީގީ އިދާރާ އެފް.ބީ.އައި އާ ގުޅިގެން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ހަމަލާ ދިން ވަގުތު އެ މަރުކަޒުގެ ތެރޭގައި ހިންގާ ސްކޫލުގައި ގިނަ އަދަދެއްގެ ކުޑަކުދިން ތިބި ނަމަވެސް، އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ޗީފް ވާލް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިއީ ވަރަށް "ބިރުވެރި ހާލަތެއް" ކަމަށާއި، މިކަމާ ގުޅޭ ތަފްސީލީ މައުލޫމާތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ. މީގެ އިތުރުން، ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް އާއި ސެން ޑިއޭގޯގެ މޭޔަރު ޓޮޑް ގްލޯރިއާ ވެސް ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
އިސްލާމިކް ސެންޓަރުގެ ޑިރެކްޓަރު ތާހާ ހަސަން ވިދާޅުވީ، އަޅުކަންކުރާ ތަންތަނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މީހުން މިތަނަށް އަންނަނީ ނަމާދުކުރުމަށާއި، އުނގެނުމަށާއި، އުފާފާޅުކުރުމަށް. މިއީ އަހަރެމެން ދުވަހަކުވެސް އުންމީދު ކުރި ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރު) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް މީހަކު އަޅުކަމުގައި ނުވަތަ ތައުލީމު ހާސިލުކުރަން ހުންނަ ވަގުތެއްގައި ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހިގެން ނުވާނެ ކަމަށެވެ. އަދި މި ހާދިސާގައި މަރުވި މުސްލިމުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި އެ ޖަމިއްޔާއިން ވަނީ ދުއާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!