ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފާރޫޤް އަޙްމަދަކީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކަމަށެވެ. ވަކީން ޚާއްޞަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަޤާމުތަކުގައި އޭނާ ވަނީ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

Ad
rt

"ފާރޫޤް އަޙްމަދު އަވަހާރަވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި ފުވައްމުލަކުގެ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވަން. އަޅުގަނޑުމެންނާ އެ ވަކިވެވަޑަައިގަތީ، ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށްވެސް ގިނަގުނަ ޚިދުމަތްކުރެއްވި ތަޖުރިބާކާރު އަގުހުރި ޝަޚްޞިއްޔަތެއް" ރައީސްގެ މެސެޖުގައި ވިދާޅުވެފަވެއެވެ.

މަރްޙޫމް ފާރޫޤް އަޙްމަދަކީ ދައުލަތުގެ އިދާރީ ދާއިރާގެ އިތުރުން، ދިވެހި ބަހާއި ތާރީޚުގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާގެ ވަކިވެދިއުމަކީ އެ ދާއިރާތަކަށް ލިބުނު ބޮޑު އުނިކަމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުޢިއްޒުގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމް ފާރޫޤް އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.