އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތް ކައިރީގައި ހުރި ފަލަސްޠީނުގެ ބިންތަކާއި ޢިމާރާތްތައް އަތުލުމަށް އިސްރާއީލުން ނިންމި ނިންމުން ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ނިންމުމަކީ "ނަސްލު ނައްތާލުމުގެ" އަމަލެއްގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.
އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ބުނީ، ގުދުސްގެ ބާޒާރުމަތީ ސަރަޙައްދުގައި ހިމެނޭ ބާބުލް ސިލްސިލާ އަވަށުގެ ބިންތައް އަތުލުމަށް އިސްރާއީލުން ރާވަމުންދާ ރޭވުމަކީ އަލްއަޤްޞާ މިސްކިތުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ޔަހޫދީ އާބާދީތައް ފުޅާކުރުމަށް ހިންގާ "ނުރައްކާތެރި އިސްތިޢުމާރީ ފިޔަވަޅެއް" ކަމަށެވެ. މީގެ ބޭނުމަކީ އެ ސަރަޙައްދުން ފަލަސްޠީނު މީހުން ބޭރުކޮށްލުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ބާބުލް ސިލްސިލާ އަކީ އަލްއަޤްޞާ މިސްކިތަށް ވަދެވޭ އެންމެ މުހިންމު އެއް ތާރީޚީ މަގު ކަމަށްވާއިރު، އެ ސަރަޙައްދަށް އަމާޒުކުރުމަކީ އިސްރާއީލުން ސިސްޓަމެޓިކްކޮށް ހިންގާ ސިޔާސަތެއްގެ ބައެއް ކަމަށް ފަލަސްޠީނުން ތުހުމަތުކުރެއެވެ. މިކަމުގެ ސަބަބުން އަލްއަޤްޞާގެ ވަށައިގެންވާ ސަރަޙައްދުތަކުން ފަލަސްޠީނު ރައްޔިތުން ހުސްކޮށް، އެ ސަރަޙައްދުގެ ހަޤީޤަތް ބަދަލުކުރުމަށް އިސްރާއީލުން މަސައްކަތްކުރާ ކަމަށް ބަޔާނުގައިވެއެވެ.
ގުދުސްގެ ގަވަރުނަރުގެ އޮފީހުން ހާމަކުރި ގޮތުގައި، އިސްރާއީލު ސަރުކާރުން ވަނީ ފަލަސްޠީނުގެ 15 އާއި 20 އާ ދެމެދުގެ އަދަދަކަށް ޢިމާރާތްތަކާއި ބިންތައް އަތުލުމަށް ނިންމާފައެވެ. މީގެ ތެރޭގައި އައްޔޫބީ، މަމްލޫކް އަދި އުސްމާނީ ދައުރުގެ ތާރީޚީ ބިނާތަކާއި އިސްލާމީ ވަޤުފުތައް ހިމެނެއެވެ. މި ނިންމުމަކީ 1968 ވަނަ އަހަރުގެ ނިންމުމަކަށް ރިޢާޔަތްކޮށް، ޔަހޫދީންގެ ބާރުވެރިކަން އިތުރުކުރުމުގެ ނަމުގައި ނިންމާފައިވާ ނިންމުމެކެވެ.
ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ވަނީ އދ. އާއި ޔުނެސްކޯ ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ފިޔަވަޅުތަކާ ދެކޮޅު ހެދުމަށާއި، އިރުމަތީ ގުދުސްގައި ހުރި އިސްލާމީ އަދި ކްރިސްޓިއަން ދީނުގެ މުޤައްދަސް ބިނާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.
ފަހަކަށް އައިސް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގުދުސްގެ ބާޒާރުމަތީ ސަރަޙައްދާއި، ޝައިޚް ޖައްރާޙް އަދި ސިލްވާން ފަދަ އަވަށްތަކުން ފަލަސްޠީނުގެ ބިންތައް ފޭރުމުގެ މަސައްކަތް އިތުރުކޮށްފައެވެ.
އދ. އިން ކަނޑައަޅާފައިވާ ގޮތުގައި އިސްތިޢުމާރުކޮށްފައިވާ ބިންތަކުގައި ޔަހޫދީ އާބާދީތައް ބިނާކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ދެ ދައުލަތުގެ ހައްލަށް އޮތް ބޮޑު ހުރަހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!