އިސްރާއީލުގެ ޖައްބާރު ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގަވީރު، އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ގުދުސްގެ ބާބުލް އަސްބާޠު ސަރަހައްދުގައި ހުންނަ އަލް-އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ބުރާސްފަތި ދުވަހު ވަދެގަނެ އެ މިސްކިތުގެ ހުރުމަތް އަނެއްކާވެސް ކަނޑައިފިއެވެ.

މީގެ ކުރީންވެސް އެކި ފަހަރުމަތިން އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާފައިވާ އިންސާނިއްޔަތުކަމެއްނެތް ބެން-ގަވީރު، މި ހަރަކާތް ހިންގާފައިވަނީ ޔަހޫދީ ނޭޝަނަލިސްޓުން 'ޖެރޫސަލަމް ޑޭ' ފާހަގަކުރުމަށް ގުދުސްގެ މަގުތަކުގައި ހިނގާލުން ބާއްވަމުން ދިޔަ ވަގުތެއްގައެވެ.

Ad
rt

ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބެން-ގަވީރު ވަނީ މިސްކިތުގެ ގޯތިތެރޭގައި އިސްރާއީލުގެ ދިދަ އުފުލައި، ފުލުހުންގެ ސަފުތަކެއްގެ މެދުގައި ހުރެ ފޮޓޯ ނަގާފައެވެ. މި ހަރަކާތާ ގުޅިގެން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ގުދުސްގެ ބާޒާރުމަތީގެ ސަރަހައްދުތަކަށް ވަދެނިކުމެވޭ މަގުތައް ބަންދުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ހުރަސްތައް ކުރިމަތިކޮށްފައެވެ.

މި ހިނގާލުމުގެ ސަބަބުން އިސްރާއީލު ސިފައިން ވަނީ ހެރޮޑްސް ގޭޓާއި ދިމިޝްގު ގޭޓު ސަރަހައްދުގައި ބެރިކޭޑް ޖަހައި، އެ ސަރަހައްދުގެ ފަލަސްތީނު ވިޔަފާރިވެރިންނަށް ފިހާރަތައް ބަންދުކުރުމަށް މަޖުބޫރުކޮށްފައެވެ. 'ޖެރޫސަލަމް ޑޭ' އަކީ 1967 ވަނަ އަހަރުގެ ހަނގުރާމައިގައި އިސްރާއީލުން ގުދުސްގެ އިރުމަތީ ބައި ހިފި ހަނދާން އާކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

މި ހަރަކާތުގެ ކުރިން، ބުދަ ދުވަހު އިސްރާއީލުގެ ނެގެވް އެންޑް ގަލީލީ މިނިސްޓަރު ޔިޒްހާކް ވަސަރލައުފް ވެސް ވަނީ އަލް-އަޤްޞާ އަށް ވަދެފައެވެ. އޭނާ ބުނީ ބެން-ގަވީރު އެ މުގައްދަސް ބިމުގައި 'އިންގިލާބެއް' ގެންނަމުންދާ ކަމަށެވެ. މި ދެ މިނިސްޓަރުންނަކީ ވެސް ހަރުކަށި ފިކުރުގެ 'އޮޓްޒްމާ ޔެހޫދިތު' ޕާޓީއަށް ނިސްބަތްވާ މީހުންނެވެ.

ބެން-ގަވީރު 2023 ވަނަ އަހަރު މަގާމާ ހަވާލުވި ފަހުން މިހާތަނަށް މަދުވެގެން 16 ފަހަރު އަލް-އަޤްޞާ މިސްކިތަށް ވަދެގަނެފައިވެއެވެ. އޭނާ ތަކުރާރުކޮށް ގޮވާލަމުންދަނީ ޔަހޫދީންނަށް އެ މިސްކިތުގެ ތެރޭގައި އަޅުކަން ކުރުމުގެ ފުރުސަތު ފުޅާކޮށްދިނުމަށެވެ. މި އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑެތި ފާޑުކިޔުންތަކާއި ނުރުހުން އިސްރާއީލަށް ވަނީ އަމާޒުވެފައެވެ.