ސިންގަޕޫރުގެ ސްކޫލްތަކުގައި އަދަބު ދިނުމުގެ ގޮތުން ދަރިވަރުންގެ ގައިގައި ދަނޑިން ނުވަތަ އެއްތެލުން ތެޅުމުގެ ހުއްދަ ޓީޗަރުންނަށް އޮންނާނެ ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ޑެސްމަންޑް ލީ ކަށަވަރުކޮށްދެއްވައިފިއެވެ.

މިއީ ބުލީކުރުމާ ދެކޮޅަށް އެ ގައުމުން އެކުލަވާލާފައިވާ އާ އުސޫލުތަކުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.

Ad
rt

އަންގާރަ ދުވަހު ޕާލަމަންޓުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުއްޖާ ކުރާ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެހެން ހުރިހާ ފިޔަވަޅުތަކަކުން ނަތީޖާއެއް ނުފެނިއްޖެ ނަމަ އެއްތެލުން ތެޅުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. މި އާ އުސޫލުތަކަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުން ފެށިގެންނެވެ. މީގެ ތެރޭގައި 9 އަހަރުގެ ކުދިންނަށް ވެސް މިފަދަ އަދަބު ދިނުން ހިމެނެއެވެ.

މިނިސްޓަރު ލީ ވިދާޅުވި ގޮތުގައި މި އަދަބު ދިނުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭނެއެވެ.

"އެއްތެލުން ތެޅުމުގެ ކުރިން ޕްރިންސިޕަލްގެ ހުއްދަ ހޯދަންޖެހޭނެ އަދި އެކަން ކުރެވޭނީ ހުއްދަ ދީފައިވާ ޓީޗަރުންނަށް އެކަނި" ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ކުދިންނަށް އެކުދިންނަށް ކުރެވުނު ކުށުގެ ސީރިއަސްކަން ވިސްނި، ރަނގަޅު ގޮތްތައް އިޚްތިޔާރު ކުރަން ދަސްވާނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން، އެއްތެލުން ތެޅުމުގ އަދަބު ދެވޭނީ ހަމައެކަނި ފިރިހެން ދަރިވަރުންނަށެވެ. މިއީ ސީރިއަސް ކުށްތަކުގައި އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ބޭނުންކުރާނެ އުސޫލެއްކަމަށް އެ ގައުމުން ބުނެއެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ މިފަދަ އަދަބުތައް ދިނުން ހުއްޓާލުމަށް ގޮވާލާފައެވެ.

"ޖިސްމާނީ އަދަބު ދިނުމުގެ ސަބަބުން ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް މުޅި އުމުރަށް ނޭދެވޭ އަސަރުކުރޭ" ކަމަށް 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ނެރުނު ރިޕޯޓެއްގައި ޑަބްލިޔުއެވް އިން ބުނެފައިވެއެވެ.

ސިންގަޕޫރަކީ ހަރުކަށި ގާނޫނުތަކެއް އޮންނަ ގައުމެއްގެ ގޮތުގައި މަޝްހޫރު ގައުމެކެވެ. މީގެ ކުރިން ވެސް ބޭރުގެ ދަރިވަރުންނަށް އެ ގައުމުގެ ގާނޫނުތަކާ ޚިލާފުވެގެން އެއްތެލުން ތެޅުމުގެ އަދަބު ދީފައިވެއެވެ. އޭގެ ތެރޭގައި 1993 ވަނަ އަހަރު އެމެރިކާގެ މައިކަލް ފޭއަށް ދިން އަދަބު ފާހަގަކޮށްލެވެއެވެ. އޭނާގެ މައްޗަށް އެއްތެލުން ތެޅުމަށް ކުރި ހުކުމް، އޭރުގެ އެމެރިކާގެ ރައީސް މެދުވެރިވެގެން ވަނީ ކުޑަކޮށްދީފައެވެ.