ށ. ޅައިމަގު ޕޮލިސް ޕޯސްޓުގެ ފަރާތުން "ރަން ވިތް ޕޮލިސް" ގެ ނަމުގައި ހާއްސަ ދުވުމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ ޅައިމަގު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު (އެފް.އާރ.ސީ) އިން އިސްނަގައިގެން "ޅައިމަގު ރަނާސް" އަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ފިޒިކަލް ޓްރެއިނިންގް ސެޝަންތަކުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ.
މި ދުވުމުގައި ޅައިމަގު ސްކޫލުގެ ދަރިވަރުންނާއި، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ށ. އަތޮޅު ޕޮލިހުން ބުނެފައިވާ ގޮތުގައި، މި އިވެންޓުގެ ތެރެއިން 5 ކިލޯމީޓަރުގެ ދުވުން ހުރިހާ ބައިވެރިންވެސް ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
ދުވުމުގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ބައިވެރިންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކަސްރަތު ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ކަސްރަތު ކުރުމުގެ ކުރިންނާއި ފަހުން ރަނގަޅު ގޮތުގައި ވާމް އަޕް އަދި ވާމް ޑައުން ހަދާނެ ގޮތުގެ ފަންނީ އިރުޝާދުތައް ވެސް ބައިވެރިންނަށް ވަނީ ދީފައެވެ.
މިފަދަ ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމާއި، ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!