"ބީއެމްއެލް ނޯތު ރީޖަން 2026" ގެ ފުރަތަމަ މެޗުގައި މިއަދު ނ. މަނަދޫ އާއި ދެކޮޅަށް ނުކުންނަ ހދ. ހަނިމާދޫ ޓީމުން، އެ ޓީމުގެ ސަޕޯޓަރުންނަށް ޚާއްޞަ އިލްތިމާސެއް ކޮށްފިއެވެ.
ހަނިމާދޫ ޓީމުން ސަޕޯޓަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، މިއަދުގެ މެޗަކީ ރަށުގެ ފަސްގަނޑުގައި ''ނޫލަސްކަރު'' ކުރިމަތީ ކުޅޭ މެޗަކަށްވާއިރު، ކޮންމެ ނަތީޖާއެއް ނުކުތަސް ކުޅިވަރުގެ ރޫޙާ އެއްގޮތަށް އެ މިންގަނޑުގައި ހިފަހައްޓައިގެން ތިއްބެވުމަށް އެދޭ ކަމަށެވެ. އަދި އެއްވެސް ފަރުދަކަށް ނުވަތަ ބަޔަކަށް ރައްދު ނުދިނުމަށް ވެސް ޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ކުޅިވަރު ކުޅޭ ސަރަހައްދުގައި ހަރަކާތްތެރިވާ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތައް ކަމަށްވާ ފުލުހުންނާއި، ކެޑޭޓް އަދި ސްކައުޓުންގެ އިރުޝާދާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޓީމުން ވަނީ އެދިފައެވެ. އަދި ދަނޑު ކައިރީގައި ސެކިއުރިޓީ އަދި ހެލްތުގެ ވެހިކަލްތައް ފިޔަވައި އެއްވެސް އުޅަނދެއް ޕާކް ނުކުރުމަށް ވެސް ވަނީ އެދިފައެވެ.
މިއަދުގެ މެޗުގައި ސަޕޯޓަރުން ތިބުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ ދަނޑުގެ އިރުމަތި ފަޅި، ދެކުނު ފަޅި (ގޯލް ފެންސް ހިމެނޭ ސަރަހައްދާ ދުރުގައި) އަދި އުތުރު ފަޅި (ގޯލް ފެންސް ހިމެނޭ ސަރަހައްދާ ދުރުގައި) ކަމަށް ހަނިމާދޫ ޓީމުން މައުލޫމާތު ދެއެވެ.
ހަނިމާދޫގައި ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައި ހަނިމާދޫ ރަސްމީ ދަނޑުގައެވެ.
މި ލީގުގައި ކުޅޭނީ ޒޯން 1 ގެ ޗެމްޕިއަން ހަނިމާދޫގެ އިތުރުން ރަނަރަޕް ހއ. ދިއްދޫ އަދި ޒޯން 2 ގެ ޗެމްޕިއަން ނ. މަނަދޫގެ އިތުރުން ބ. އޭދަފުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!