އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހޫނު ސިޔާސީ ކުރިމަތިލުން މިހާރު އެއްބަޔަކު އަނެއް ބަޔަކަށް "ޖިއޯޕޮލިޓިކަލް ސްޓެއަރިންގ ކޮންޓެސްޓް" އަކަށް ބަދަލުވެފައިވާއިރު، ބުދަ ދުވަހުގެ ވަގުތުތައް ގުނަމުންދަނީ ދެން ވެދާނެ ގޮތަކާމެދު ދުނިޔެ ކުރަނުންދާ އިންތިޒާރާއެކުގައެވެ.
ސުލްހަ ދެމެހެއްޓެން އޮތީ އެމެރިކާއިން އީރާނުގެ ކަނޑު އުޅަނދުތަކަށް ހުރަސްއެޅުން ހުއްޓާލައި، ބްލޮކޭޑް ނައްތާލައިގެންކަމަށްވާއިރު، އެމެރިކާގެ ބިރުދެއްކުންތަކަށް އީރާނުން ތިބީ ކުޑަކަކޫ ޖަހާގޮތަކަށްނޫނެވެ.
ބައިނަލްއަގްވާމީ ރިޕޯޓްތައް ބުނާގޮތުން މިރޭގެ ވަގުތާ ހަމައަށް ކަންތައްތައް ހުރި ގޮތަށް ބަލާއިރު، އެއްވެސް ފަރާތަކުން ދޫދޭކަށް ބޭނުމެއް ނުވެއެވެ.
މި ނުތަނަވަސްކަން ބިނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ހުރަސްއަޅާ ދެ "ފާރެއްގެ" މައްޗަށެވެ. އެއީ އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ ބަނދަރުތައް ބަންދުކުރުމާއި، އީރާނުން ދުނިޔޭގެ ތެލުގެ މައި މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ އިންޒާރެވެ.
ޚާރިޖީ މަރުތޭކަ
އީރާނުން ބުނަމުންދަނީ އެމެރިކާއިން ހިންގާ "އޮޕަރޭޝަން އެޕިކް ފިއުރީ" ބްލޮކޭޑް ހުއްޓާނުލަނީސް، އިސްލާމްއާބާދުގައި ބާއްވާ މަޝްވަރާ މޭޒަށް ތެހެރާނުން ނުދާނެ ކަމަށެވެ. އޭޕްރީލް 8 ގައި އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެފައިވާ ކަމަށް އީރާނުން ތުހުމަތު ކުރެއެވެ. އެގޮތުން 'އެމް/ޓީ ޓިފާނީ' އަށް އެމެރިކާ ސިފައިން އެރުމާއި 'ތޫސްކާ' ހިފެހެއްޓުމަކީ އެއްބަސްވުމާ ސީދާ ޚިލާފު އަމަލުތަކެއް ކަމަށް އީރާނުން ދެކެއެވެ.
މި މައްސަލާގައި އެމެރިކާއިން ގެންގުޅެނީ "ދަގަނޑު އުސޫލެއް" ކަމަށްވާ "ހާޑްލައިން" ސިޔާސަތެކެވެ. ތެހެރާނުން ހެޔޮ އިޝާރާތެއް ލިބެންދެން، ނައިބު ރައީސް ޖޭޑީ ވެންސް އެ ސަރަހައްދަށް ކުރަން އޮތް ދަތުރު ވަނީ މަޑުޖައްސާލާފައެވެ. ރައީސް ޓްރަމްޕް ވަނީ މިހާރު އޮތް މުއްދަތު އިތުރުކުރުމަށް ޝައުގުވެރިކަމެއް ނެތްކަމަށް ބުނެފައެވެ. އެމެރިކާއިން ބުނާ ގޮތުގައި މި ބްލޮކޭޑަކީ އީރާނުން މީގެ ކުރިން އުޅަނދުފަހަރުން "ޓޯލް" ނެގުމާއި ހޯރްމޫޒް ކަނޑުއޮޅިއަށް ދީފައިވާ އުނދަގޫތަކަށް ދޭ ރައްދެކެވެ.
"ފަތިހު 3:30" ގެ ކައުންޓްޑައުން
އެންމެ ބޮޑު ކަންބޮޑުވުމަކީ ދެ ހަފުތާގެ މުއްދަތަށް އިޢުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، މި އެއްބަސްވުން ބުދަ ދުވަހުގެ ފަތިހު 3:30 ގައި (ތެހެރާން ގަޑިން) ހަމަވާނެއެވެ.
މި މުއްދަތު ހަމަވުމާއެކު ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ބެލެވެއެވެ. ހޯރްމޫޒް ކަނޑުއޮޅި ބަންދުވެއްޖެނަމަ، މިއީ 1970 ގެ އަހަރުތަކަށްފަހު ދުނިޔޭގެ ތެލުގެ ސަޕްލައިއަށް އަންނާނެ އެންމެ ބޮޑު ލޮޅުމަށް ވެގެންދާނެއެވެ.
އަސްކަރީ ގޮތުން ބަލާއިރު، އެއްބަސްވުމަކަށް ނާދެވި މުއްދަތު ހަމަވެއްޖެނަމަ، އީރާނުގެ "އާންމު އިންފްރާސްޓްރަކްޗަރ" އަށް ހަމަލާދީފާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ. މީގެ އިތުރުން، ކަނޑުއޮޅިއާ ކައިރިވާ ކޮންމެ އުޅަނދަކީ "ދުޝްމަނުންނަށް އެއްބާރުލުންދޭ" އެއްޗެއްގެ ގޮތުގައި ބަލާނެ ކަމަށް އީރާނުންވެސް ވަނީ ބުނެފައެވެ.
މި ނުރައްކާތެރި ހާލަތުން ސަލާމަތްވުމަށް ޕާކިސްތާނުން ދަނީ މިސްރާއި ތުރުކީއާ ގުޅިގެން މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ. ނަމަވެސް އީރާނުގެ އެތެރޭގައި އައި.އާރު.ޖީ.ސީ ގެ ހަރުކަށި ފިކުރުގެ މީހުންނާއި މަޝްވަރާއަށް ލެނބޭ މީހުންނާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ސުލްހަވެރި ހައްލަކަށް އައުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!