މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހިންގުމުގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)އަށް ލަފާދޭނެ ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

މިރޭ ބޭއްވުނު ގައުމީ މަޖިލީހުގެ ކުރު ބައްދަލުވުމެއްގައި އެކުލަވާލި މި ކޮމިޓީގައި، އެ ޕާޓީގެ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހިމެނިވަޑައިގަންނަވައެވެ.

Ad
rt

މީގެ އިތުރުން މިކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ، ވަގުތީ ޗެއާ ގަޕޯގެ އިތުރުން ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް އަދި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެވެ.

މި ކޮމިޓީ އެކުލަވާލުމަށް ނިންމާފައިވަނީ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި ގަރާރަކުންނެވެ. މި ގަރާރަށް ތާއީދު ކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ.

މި ކޮމިޓީ ދެމިއޮންނާނީ ޕާޓީއަށް ދާއިމީ ޗެއާޕާސަންއަކު އިންތިހާބު ކުރެވެންދެން ކަމަށްވެސް އެ ޕާޓީން ވަނީ ނިންމާފައެވެ.

އެމްޑީޕީން މިފަދަ ކޮމެޓީއެއް އެކުލަވާލިއިރު، މި ކޮމެޓީން ކުރީގެ ނައިބުރައީސް ފައިސަލް ނަސީމަށް ޖާގަދިނުމަށް ގޮވާލައި އެޕާޓީގެ ބައެއް އެކްޓިވިސްޓުން އައީ މީސް މީޑިއާގައި ކެމްޕޭނެއް ވެސް ހިންގަމުންނެވެ. ނަމަވެސް ފައިސަލަށް މި ކޮމެޓީން ޖާގަ ދީފައެއްނުވެއެވެ.