މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރާފައިވާތީ، މަޑަގަސްކަރައިގެ ހަކަތައިގެ ދާއިރާގައި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އެޤައުމުގެ ކެބިނެޓުން އިޢުލާނުކޮށްފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެފްރިކާގެ ގިނަ ޤައުމުތަކަކުން އަންނަނީ ތެލުގެ އަގު ބޮޑުކުރުމާއި، ހަކަތަ އިގްތިސާދު ކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ކަރަންޓު ކަނޑާލައިގެން ކޮންޓްރޯލް ކުރަން ފަށާފައެވެ.

Ad
rt

"މި ނިންމުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މުޅި ޤައުމަށް ހަކަތަ ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް،" ކެބިނެޓުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމުން، ހަކަތައިގެ ޚިދުމަތް އަލުން އިއާދަކުރުމަށާއި އާންމު ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހާއްސަ އަދި އަވަސް ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންދާނެއެވެ.

މަޑަގަސްކަރައިގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހުން ފެށިގެން އެޤައުމުގެ ހުރިހާ ހިސާބަކުން ވެސް ވަނީ ތެލުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

މަޑަގަސްކަރައިން މި ފިޔަވަޅުއެޅިއިރު، އެމެރިކާއާއި އިސްރާއީލު ގުޅިގެން ކުރިއަށް ގެންދާ އިންސާފެއްނެތް ހަނގުރާމަ އަދިވެސް ދަނީ ވަރުގަދަވަމުންނެވެ.