އެމެރިކާގެ ހައުސް ރިޕަބްލިކަނުން 200 ބިލިއަން ޑޮލަރުގެ ބޮޑު ސަޕްލިމެންޓަރީ ބަޖެޓެއް ހަމަޖެއްސުމަށްޓަކައި، އެ ގައުމުގެ ސިއްހީ ދާއިރާގެ ހަރަދުތައް ކުޑަކުރާނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް ''އެކްސިއޯސް'' ރިޕޯޓަކުން އިއްޔެ ހާމަކޮށްފިއެވެ.
މި ބަޖެޓަކީ އީރާނުގައި ކުރިއަށްދާ ހަނގުރާމައާއި ބޯޑަރުގެ ސަލާމަތީ ކަންކަމަށް ހަރަދުކުރުމަށާއި، އިސްރާއީލަށް އެހީ ދިނުމަށް ހުށަހަޅާފައިވާ ބަޖެޓެކެވެ.
މިކަމަށް ހުށަހަޅާފައިވާ ބިލުގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ އިސްކަންދޭ ދެ ދާއިރާއަކަށް ވަގުތުން ފައިސާ ހަމަޖެއްސުމެވެ. އެއީ އީރާނުގައި ކުރިއަށްދާ "އޮޕަރޭޝަން އެޕިކް ފިއުރީ" އަށް ބޭނުންވާ ފައިސާ ހޯދުމާއި، އިސްރާއީލަށް އެހީދިނުމާއި އަދި އެމެރިކާގެ ދެކުނު ބޯޑަރުގައި އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކުރުން ވަރުގަދަކުރުމެވެ.
ކޮންގްރެސްގެ ލީޑަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ޖީ.އޯ.ޕީ އިން މަސައްކަތް ކުރަމުންދަނީ "ރިކޮންސިލިއޭޝަން" އިސްތިރާތީޖީއެއް ބޭނުންކޮށްގެން ފިލިބަސްޓަރ އިން ރެކިގަތުމަށެވެ. މީގެ މާނައަކީ އައު ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތަކެއް އެމީހުން ދައްކަންޖެހޭނެ ކަމެވެ. އެގޮތުން ސިއްހީ ދާއިރާގެ ބަޖެޓުން އުނިކުރާ ފައިސާ މިކަމަށް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.
އީރާނުގެ ހަނގުރާމައަށް ޕެންޓަގަންއިން 200 ބިލިއަން ޑޮލަރަށް އެދިފައިވާއިރު، މިހާރުވެސް ދުވާލަކު ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރު މި ހަނގުރާމައަށް ހަރަދުވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މި ބޮޑު ހަރަދު ހަމަޖެއްސުމަށް ސިއްހީ ދާއިރާއިން އުނިކުރުންތައް ގެނައުމަށް ބާރުއަޅަމުންދަނީ އެމެރިކާގެ ދައުލަތުގެ ދަރަނި 39 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
ޕާޓީގެ ތެރޭގައި ތިއްބެވި ފިސްކަލް ހޯކްސް، އޭގެ ތެރޭގައި ހައުސް ފްރީޑަމް ކޯކަސްގެ މެންބަރުން ކަމަށްވާ ރެޕް. ލޯރެން ބޯބާޓް އަދި ރެޕް. ތޯމަސް މާސީ ވަނީ ގައުމީ ޕްރޮގްރާމްތަކުން ހަރަދު ކުޑަކޮށްގެން މެނުވީ ހަނގުރާމައަށް އިތުރު ފަންޑު ދިނުމަށް ވޯޓު ނުދޭނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. މި ނިންމުމާއެކު އެމެރިކާގެ ސިއްހީ ހިދުމަތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!