އީރާނަށް ދޭ ހަމަލާތަކުގައި ބައިވެރިވާ އެމެރިކާގެ މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް މެޑްރިޑްގެ ޑިފެންސް މިނިސްޓަރު މާގަރީޓާ ރޮބްލެސް ވިދާޅުވެއްޖެއެވެ.
"އީރާނު ހަނގުރާމައާ ގުޅުންހުރި އެއްވެސް އަމަލަކަށް މޮރޯން އަދި ރޯޓާ [ސިފައިންގެ މަރުކަޒުތައް] ބޭނުންކުރުމުގެ ހުއްދައެއް އަޅުގަނޑުމެން ނުދޭނަން،" އޭނާ ވިދާޅުވިއެވެ.
ސްޕެއިންއިން މިކަން "ފެށުނީއްސުރެ އެމެރިކާ ސަރުކާރަށް ސާފުކޮށްދީފައިވާނެ" ކަމަށްވެސް އޭނާ އިތުރުކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރޭސް ވިދާޅުވީ މި ނިންމުމުގެ މަގްސަދަކީ މި ހަނގުރާމަ އިތުރަށް ފުޅާވެގެންދިއުމަށް ބާރުލިބޭނެ އެއްވެސް ކަމެއް ނުކުރުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާއިން ވަގުތުން އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އީރާނު ހަނގުރާމައާ ސްޕެއިންއިން ދެކޮޅުހަދާތީ، އެ ގައުމާ ދެކޮޅަށް ފުރިހަމަ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ދެއްވާފައެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނީއްސުރެ، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އަކީ އީރާނަށް އެމެރިކާ އާއި އިސްރާއީލުން ދޭ ހަމަލާތަކާ ދެކޮޅަށް އެންމެ ބާރަށް އަޑުއުފުއްލަވާ އެއް ބޭފުޅާއެވެ. އޭނާ އެ ހަމަލާތައް ސިފަކުރައްވާފައިވަނީ "ޒިންމާދާރުކަން ކުޑަ" އަދި "ޣައިރު ގާނޫނީ" އަމަލުތަކެއްގެ ގޮތުގައެވެ.
މާރިޗު މަހުގެ ކުރީކޮޅު ސަންޗޭޒް ވިދާޅުވީ، އެންޑަލޫޝިއާގައި ހުންނަ، ދެ ގައުމު ގުޅިގެން ހިންގާ ރޯޓާ އަދި މޮރޯން އަސްކަރީ މަރުކަޒު އެމެރިކާއިން ބޭނުންކުރުމުގެ ހުއްދަ ސްޕެއިންއިން ނުދޭނެ ކަމަށެވެ.
"އީރާނުގެ އޮޕަރޭޝަނާ ގުޅުންހުރި ހުރިހާ ފްލައިޓް ޕްލޭންތަކެއް ވަނީ ބާތިލުކުރެވިފައި، އޭގެ ތެރޭގައި ތެޔޮ އަޅައިދޭ ބޯޓުތައް ހިމެނޭހެން ކޮންމެ ބޯޓެއްވެސް ވަނީ މަނާކުރެވިފައި. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް، އަދި ޣައިރު ގާނޫނީ ހަނގުރާމަތަކުގައި ބައިވެރިވާކަށް ބޭނުމެއް ނޫން،" މިދިޔަ ބުދަ ދުވަހު ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވެފަވެއެވެ.
އީރާނުގެ އޮޕަރޭޝަންތަކުގައި ބައިވެރިވާ އެމެރިކާގެ ބައެއް ބޮމްބާ މަތިންދާބޯޓުތައް ބޭސްކޮށްފައިވަނީ އިނގިރޭސިވިލާތުގެ ގްލޮސްޓަޝަޔާގައި ހުންނަ އާރް.އޭ.އެފް ފެއާފޯޑް މަރުކަޒުގައެވެ. އެއީ އެމެރިކާގެ އެދުމަށް އިނގިރޭސިވިލާތުން އެއްބަސްވެފައިވާ ކަމަށް މާރިޗު 1 ގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ އިއުލާންކުރެއްވުމާ ގުޅިގެންނެވެ.
އެތަނުން ފުރާ ބޯޓުތަކަށް މަޖުބޫރުވާނީ އައިބީރިއަން ޕެނިންސިއުލާގެ ބޮޑު ބައެއް ދޫކޮށް، އެޓްލާންޓިކް ކަނޑުގެ އިރުމަތިން ނުވަތަ ފްރާންސްގެ މަތިން ދަތުރުކުރާށެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ 'އެލް ޕާއިސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ވައިގެ ސަރަހައްދު ހުރަސްކުރުމުގެ ނުވަތަ އެ ގައުމުގެ މަރުކަޒުތަކަށް ޖެއްސުމުގެ ހުއްދަ ބޯޓުތަކަށް ލިބޭނީ ހަމައެކަނި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައެވެ.
މާރިޗު 4 ގައި ޓީވީ މެދުވެރިކޮށް ދެއްވި 10 މިނެޓުގެ ތަގުރީރެއްގައި، ސްޕެއިންގެ ބޮޑުވަޒީރު ވަނީ ޔޫކްރެއިން އަދި ގާޒާގެ ހަނގުރާމައިގެ އިތުރުން، މީގެ 20 އަހަރަށްވުރެ ކުރިން ހިނގި އިރާގު ހަނގުރާމައަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސްޕެއިން ސަރުކާރުގެ ސިޔާސަތަކީ "ހަނގުރާމައަށް ނޫނެކޭ ބުނުން" ކަމަށް ވިދާޅުވިއެވެ.
މާރިޗު މަހުގެ ފަހުކޮޅު، ސްޕެއިންގައި ހުންނަ އީރާނު އެމްބަސީން ބުނީ، ސްޕެއިންއަކީ "ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރާ" ގައުމަކަށްވާތީ، ހޯރްމޫޒް ކަނޑުއޮޅި ހުރަސްކުރުމާ ގުޅޭގޮތުން މެޑްރިޑުން އެދޭ ކަންކަމަށް ތެހެރާނުން މަރުހަބާ ކިޔާނެ ކަމަށެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ އާންމުކޮށް ދަތުރުކުރަނީ އީރާނާއި އަރަބި ބިންކަރައިގެ ކޮޅާ ދެމެދު އޮންނަ މި ހަނި ކަނޑުއޮޅިންނެވެ.
އީރާނުގެ ޑްރޯން، މިސައިލް އަދި މައިންތަކުގެ ހަމަލާގެ ބިރު އޮތުމުގެ ސަބަބުން، ހަފުތާތަކެއް ވަންދެން އެ ސަރަހައްދު އޮތީ އަމަލީގޮތުން ބަންދުވެފައެވެ. މީގެ ސަބަބުން ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!