ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި، ބިން ހިއްކުމާއި ވެލި އެޅުމުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ.

Ad
rt

މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާ ހަވާލުކޮށްގެން ކުރިއަށްދާއިރު، މި ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 97.15 ހެކްޓަރުގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފައެވެ.

ގިރާވަރު ފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް ބައްލަވައިލެއްވުން، ފޮޓޯ: އެމްއޭސީއެލް

މީގެ ކުރިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމް.އެފް.އެމް.ސީ) އިން ވަނީ ފުރަތަމަ ފިޔަވަހީގެ ދަށުން 70 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ގިރާވަރު ފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް ބައްލަވައިލެއްވުން، ފޮޓޯ: އެމްއޭސީއެލް

މުޅި މަޝްރޫޢަށް ބަލާއިރު، ގިރާވަރު ފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން މިހާތަނަށް ޖުމްލަ 105 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިންމާފައެވެ. މި މަސައްކަތް ބާރުމިނުގައި ކުރިއަށްދަނީ 35,000 ކިއުބިކް މީޓަރުގެ 'ކުއީން އޮފް ދަ ނެދަލޭންޑްސް' އަދި 22,000 ކިއުބިކް މީޓަރުގެ 'އޮރެންޖް' ނަމަކަށް ކިޔާ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

ގިރާވަރު ފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާފައި، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، އަމާޒަކީ ކުރިއަށް އޮތް އޭޕްރިލް މަހުގެ ނިޔަލަށް ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިންމާލުމެވެ. އަދި އޭގެ ފަހުން ސަރވޭގެ މަސައްކަތްތައް ނިންމައި، "ޖޫން މަހުގެ ތެރޭގައި ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ" ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގިރާވަރު ފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާފައި، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިންގ ޑރ. ޢަބްދުالله މުއްތަލިބާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން އެމް.އޭ.ސީ.އެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ.