މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚިޠާބެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތްދަތިކަމާއި ނުތަނަވަސްކަމުގެ ތެރޭގައިވާ އެންމެހާ މުސްލިމުންނަށް އަމާންކަމާއި ރައްކާތެރިކަން ދެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވައިފިއެވެ.
މި ޚިޠާބުގައި މިއަދުގެ ޚާއްޞަ މުނާސަބަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފިޠުރު ޢީދު ދުވަހަކީ ބަރަކާތްތެރި ރަމަޟާން މަހުގެ މަތިވެރި އަޅުކަމަށްފަހު، އެ އަޅުކަން ފުރިހަމައަށް އަދާކުރެވިއްޖެ ކަމުގެ އުންމީދާއި، ﷲގެ ފުއްސެވުމާއި ރުއްސެވުން ލިބިފައިވާކަމުގެ ހިތްހަމަޖެހުމާއެކު ބައްދަލުކުރާ ދުވަހެއް ކަމަށެވެ. އަދި ޢީދުގެ އުފަލަކީ މާތް ﷲ އަށް ޙަމްދުކުރުމާއި، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރުމުގެ އިތުރުން މުސްލިމުން އެކަކު އަނެކަކަށް ހިތްހެޔޮކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ ޚިޠާބުގައި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ބައްލަވާލައްވަމުން ވިދާޅުވީ، މިއަހަރުގެ ޢީދު އުންމަތާ ބައްދަލުކުރިއިރު، ފަލަސްޠީނާއި މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމް އަޚުންނާއި އުޚުތުން ތަހައްމަލު ކުރަމުންދަނީ ނުހަނު ބޮޑު ހިތްދަތިކަމެއް ކަމަށެވެ. މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށްވާތީ، އެ ހުރިހާ ވޭނެއްގައި ދިވެހިން ބައިވެރިވާކަން ހާމަކުރައްވަމުން، އެ ފަރާތްތަކަށް އަވަސް އަމާންކަމާއި ބާރުވެރިކަން ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
އިސްލާމީ އިންތަކާއި މިންތަކުގެ ތެރޭގައި ޢީދުގެ އުފާފާޅުކުރުމަށް ބާރުއަޅުއްވަމުން ރައީސް ވިދާޅުވީ، ރަމަޟާން މަހުގެ މަދަރުސާއިން ލިބިދިން ކެތްތެރިކަމާއި، އެއްބައިވަންތަކަމާއި، ހެޔޮ ބަސް ބުނުމުގެ ސިފަ ދެމެހެއްޓުން މުހިންމު ކަމަށެވެ. އަދި ރޯދަ ނިމުމަކީ އަޅުކަން ނިމުން ނޫންކަމާއި، ޝައްވާލު މަހުގެ ހަ ރޯދައިން އެކަން އިތުރަށް ހާމަވާކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ރައީސްގެ މި ޚިޠާބުގައި، މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކޮށް، ނިކަމެތިންނަށް އެހީތެރިވުމުގެ ރޫޙު އާލާކުރުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!