އީރާނުގެ ހަކަތައާ ބެހޭ ދާއިރާއަށް ދެން ހަމަލާއެއް ދީފިނަމަ، ގަލްފުގެ އަވަށްޓެރި ގައުމުތަކުގެ ތެޔޮ އަދި ގޭހުގެ ސިނާއަތްތައް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެ ގައުމުން ބުދަ ދުވަހު ދީފިއެވެ.
އީރާނުން ދެކޭގޮތުގައި އެ ސަރަހައްދުތަކަކީ އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނެވެ.
"އިސްލާމީ ޖުމްހޫރިއްޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދީ ތިޔަ ހެދީ ވަރަށް ބޮޑު ގޯހެއް ކަމަށް އަނެއްކާވެސް އިންޒާރު ކުރަމެވެ. އަދި އެކަމުގެ ރައްދު މިހާރު ދަނީ ދެމުންނެވެ." އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"މިކަން ތަކުރާރުވެއްޖެނަމަ، ތިޔަ ގައުމާއި ތިޔަ ގައުމުގެ ބައިވެރިންގެ ހަކަތައިގެ ވަސީލަތްތައް މުޅިން ސުންނާފަތި ވަންދެން ހަމަލާތައް ކުރިއަށްދާނެއެވެ. އަދި އަހަރެމެންގެ ރައްދު މިރޭގެ ހަމަލާތަކަށްވުރެ މާ ވަރުގަދަވާނެއެވެ." އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
މި އިންޒާރު ދީފައިވަނީ، އީރާނުން އެންމެ ގިނައިން ސާފުނުކުރާ ތެޔޮ ބޭރުކުރާ މައި މަރުކަޒު ކަމަށްވާ ހާރްޖް އައިލެންޑްގެ ބައެއް ތަންތަނަށް އެމެރިކާއިން ބޮން އެޅުމާ ގުޅިގެންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެ ރަށުގެ ތެޔޮ ވަސީލަތްތަކަށް ގަސްދުގައި މިފަހަރު ހަމަލާ ނުދީ ދޫކޮށްލީ ކަމަށެވެ. ނަމަވެސް ހޯރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުމަށް އީރާނުން ހުރަސްއަޅައި، ދުނިޔޭގެ ބާޒާރަށް ނުރައްކާކުރާނަމަ، ކުރިއަށް އޮތް ތަނުގައި އެ ތަންތަނަށް ހަމަލާދީފާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!