ވޭތުވެދިޔަ އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ރައްޔިތުންނަށް ވީ ވައުދުތައް މެންޑޭޓާ އެއްގޮަށް ނުފުއްދުނީ ޕާޓީގެ އެތެރޭގެ ކޯޅުމާ ހެދި ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މާފަންނު އުތުރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން، އެ ސަރަހައްދުގައި ހުންނަވައި މީޑިއާ އަށް ދެއްވި ބަސްދީގަަތުމެއްގައި އަލީ އާރިފު ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތް ކަމަށެވެ.

ވާދަވެރި އެމްޑީޕީއަކީ ވެސް އޭގެ ޒާތުގައި ރަނގަޅު ޕާޓީއެއް ނަމަވެސް އެ ޕާޓީގެ ތެރެއިން މިއަދު ފެންނަނީ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ދެމެދުގައިވާ ޒާތީ ހަސަދަކަމަށް ވިދާޅުވިއެވެ.

"ހަގީގަތުގައި މީގެ ކުރިން އެބޭފުޅުންނާ ރައްޔިތުން ހަވާލުކުރެއްވި އެއްވެސް މެންޑޭޓެއް ހާސިލުނުކުރެވި ވަނީ ވެސް އެތެރޭގެ އެކަކު އަނެކަކު ކާކުތޯ ބޮޑަށް ކާނީ ކާކުތޯ ބޮޑު ބާރު ނަގާނީ މި ސަކަރާތެއްގައި އުޅެން ހަދައިގެން. ޑިމޮކްރަސީއެއްގައި ވިއްޔާ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނަންވާނެ އެ ޕާޓީތައް ވާންޖެހޭނެ ހަރުދަނާ ޒިންމާދާރު ބަޔަކަށް. " އަލީ އާރިފު ވިދާޅުވެފަވެއެވެ.

އިދިކޮޅުގައި މިއަދު ހަރަކާތްތެރިވާ ޕީއެންއެފަކީ ވެސް އަދި އެމްޑީޕީއަކީވެސް ރައްޔިތުންނަށް ހިދުމަތެއް ކުރެވޭ ހާލަތުގައި އޮތް ޕާޓީތަކެއް ނޫންކަމަށް އަލީ އާރިފު ވަނީ ވިދާޅުވެފަ އެވެ.

Ad
rt