އީރާނުގެ މީނާބު ސިޓީގައި ހުރި އިބްތިދާއީ މަދަރުސާއަކަށް، އެމެރިކާގެ އަސްކަރިއްޔާއިން 40 މިނެޓުގެ މެދުކެނޑުމަކަށްފަހު ދެ ފަހަރެއްގެ މަތިން ބޮން އަޅާފައިވާކަން ރޮއިޓާސްއިން ކަށަވަރުކޮށްދީފިއެވެ.

Ad
rt

ފެބްރުއަރީ 28 ވަނަ ދުވަހު ދިން މި ނުރައްކާތެރި ހަމަލާއާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑު ނުރުހުމެއް އެމެރިކާއަށް ވަނީ އަމާޒުވެފައެވެ.

މި ހަމަލާ ދީފައިވަނީ "ޑަބަލް-ޓެޕް" ނުވަތަ އެއް ތަނަކަށް ދެ ފަހަރު ހަމަލާދިނުމުގެ އުސޫލުންނެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާގޮތުގައި، ފުރަތަމަ މިސައިލް އެރުމާއެކު، ސަލާމަތްވި ކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ޓީޗަރުން އެކުދިން ގެންދިޔައީ މަދަރުސާގެ ނަމާދުކުރާ ހޯލަށެވެ. ނަމަވެސް އޭގެ 40 މިނެޓު ފަހުން ދިން ދެވަނަ ހަމަލާ ސީދާ އެ ސަރަހައްދަށް އަމާޒުވުމަކީ، މިހާ ގިނަ އަދަދެއްގެ ކުދިން މަރުވާން މެދުވެރިވި މައިގަނޑު ސަބަބެވެ.

އީރާނުގެ ސިއްހީ އިދާރާތަކުންނާއި ޔުނިސެފުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާގައި 168 ކުޑަކުދިން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ 7 އަހަރާއި 12 އަހަރާ ދެމެދުގެ އަންހެން ކުދިންނެވެ. މީގެ އިތުރުން 14 ޓީޗަރުންނާއި މުވައްޒަފުންވެސް ވަނީ ޝަހީދުވެފައެވެ. މިއީ "އޮޕަރޭޝަން އެޕިކް ފިއުރީ" ފެށި ފަހުން އާންމުންގެ މިހާ ގިނަ ބަޔަކު އެއްފަހަރާ މަރުވި އެންމެ ނުރައްކާތެރި ހާދިސާއެވެ.

އެމެރިކާގެ އަސްކަރީ ތަހުގީގުތަކަށް ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކުރާ ގޮތުގައި، ޕެންޓަގަންގެ ވަގުތީ އެސެސްމަންޓުން އެއީ އަމާޒު އޮޅިގެން ދެވުނު ހަމަލާއެއް ކަމަށް ބުނެ ވަނީ މަތި އަޅަން މަސައްކަތްކޮށްފައެވެ.

އެގޮތުން މަދަރުސާއަށް ހަމަލާ ދެވުނީ އޭގެ ކައިރީގައި އޮންނަ "ސައްޔިދު އަލް-ޝުހަދާ" އައި.އާރު.ޖީ.ސީ ނޭވަލް ބޭސްއަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ތެރެއިން ކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް، ސެޓަލައިޓް ފޮޓޯތަކުން ދައްކާގޮތުގައި އެ މަދަރުސާއަކީ 2016 ވަނަ އަހަރުން ފެށިގެން އާންމުންގެ ތަނެއްގެ ގޮތުގައި ވަކިކޮށްފައިވާ ތަނެކެވެ.

މި ހާދިސާއާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. މާރިޗު 7 ވަނަ ދުވަހު އޭނާ ވިދާޅުވީ، އެމެރިކާއިން އާންމު ހިދުމަތްތައް ދޭ އިންފްރާސްޓްރަކްޗާއަށް ހަމަލާދިނުން ފަށާފައިވާ ކަމަށާއި، މީގެ ރައްދުގައި ހުޅަނގުގެ ގައުމުތަކާއި އެގައުމުތަކާ ގުޅިފައިވާ ގަލްފުގެ ގައުމުތަކުގެ އާންމު ހިދުމަތްތައް ދޭ ތަންތަނަކީވެސް މިހާރު ހަމަލާދޭން "އުސޫލީ ގޮތުން ހުއްދަ" ތަންތަން ކަމަށް އީރާނުން ދެކޭ ކަމަށެވެ.

މިހާރުވެސް ބަހްރޭނުގެ ފެން ފޯރުކޮށްދޭ ނިޒާމުތަކަށާއި ސަރަހައްދީ ހަކަތަ އުފައްދާ މަރުކަޒުތަކަށް ޑްރޯން ހަމަލާތައް އަމާޒުވަމުންދާއިރު، އަރަގްޗީ އިންޒާރު ދެއްވި "ނުރައްކާތެރި ނަތީޖާ" އަކީ އެމެރިކާގެ ކަރަންޓާއި ފެނުގެ ނިޒާމުތަކަށް ސައިބާ ހަމަލާދިނުން ފަދަ "ޖުމްލަ ހަނގުރާމަ"އަކަށް މި ހާދިސާ ބަދަލުވުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.