އަންހެނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ނިޒާމުގައި އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކޮށްދީފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ.
އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ތަރައްގީއަށް ކަމެއް ކޮށްދިން ހަމައެކަނި ސަރުކާރަކީ މި ސަރުކާރުކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ މަގު ފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކީ އެންމެންގެ ވޯޓާއެކު ހޮވޭ މެމްބަރަކަށް ހެދުމުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ލިބޭ އެލަވެންސް ފަސް އިންސައްތައިން 10 އިންސައްތައަށް ބޮޑުކޮށްދިނީ ވެސް މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ލިބޭ ރޯދަ އިނާޔަތް ދޭންޖެހޭނީ ކައުންސިލުގެ ބަޖެޓުންކަމަށް ވެސް ކަނޑައެޅީ މި ސަރުކާރުން ކަމަށެވެ.
ވުމާއެެކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ކޮމިޓީތަކަކަށް ހަދައިދިނީ މި ސަރުކާރުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިނޫނަސް ސަރުކާރުން އަންހެނުންގެ ތަރައްގީއަށް އިސްކަންދީގެން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށް އެކި ކަހަލަ ލޯނުތައް ދޫކޮށް، އަންހެނުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބާރު އަޅާދީފައިވާނޭ ކަމަށެވެ.
"މިއަހަރަށް ވެސް މިފަދަ އެތައް ކަންކަން އެބަހުރި ރާވާލެވިފައި އެކަން އަޅުގަނޑު ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރިން. އެހެންވީމަ އަންެހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ އަދި އަންހެނުން ބާރުވެރިކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތު. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަށް އެކަށައަޅާފައިވާ ސަރުކާރުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!