ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި ތަންފީޒުކުރުމުގެ ވިސްނުން ހުރި ވެރިޔަކު، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫނީ ފެނިވަޑައިނުގަންނަވާ ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާނު ވިދާޅުވެއްޖެ އެވެ.

ހެންވޭރު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ވިއްކާ ހަމައެކަނި ސިޔާސަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ސިޔާސަތު ކަމަށެވެ. އެހެން ނަމަވެސް ކައުންސިލުތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއްގެ ގޮތުގައި ލާމަރުކަޒީ ގާނޫނުގައި ބަޔާންވެފައި ނުވާކަން މެމްބަރު ފާހަގަކުރެއްވި އެވެ.

Ad
rt

ޕީއެންސީގެ ކެންޑިޑޭޓުންނަކީ ހިދުމަތްތެރި ބައެއްގެ ގޮތުގައި ސިފަކުރައްވައި މިސާލު ދައްކަވަމުން އައިފާން ވިދާޅުވީ 2021 ވަނަ އަހަރުގެ މެއި 27 ވަނަ ދުވަހު ރައީސް މުއިއްޒާއެކު މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވުމަށް ފަހު މާލޭގެ ތަރައްގީއަށް ހާއްސަކޮށް އެކްޝަން ޕްލޭނެއް ތައްޔާރު ކުރި ކަމަށެވެ. މި ޕްލޭނަށް ބަލާލި ނަމަވެސް ޕީއެންސީގެ ތަރައްގީގެ ވިސްނުން ހާމަވެގެންދާނޭކަމަށް މެމްބަރު ވިދާޅުވި އެވެ.

"ހަަގީގަތުގައި ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމު ތަންފީޒުކުރުމުގެ ވިސްނުން ހުރީ ކޮންގްރެސް ޕާޓީގައިކަން އަދި އެކަންކަން ކުރައްވާ ހަމައެކަނި ވެރިޔަކީ ރައީސް މުއިއްޒު ކަން މިއަދު އެބަ ހާމަވަމުންދޭ. އެހެންވެ ކޮންގްރެސް ޕާޓީގެ ކައުންސިލަރުންނާއި މޭޔަރުން އައްޔަނުކުރަންވީ. " މެމްބަރު ވިދާޅުވި އެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި އެއް ދުވަހެއްގައި ބޭއްވަން ފެންނަ ކަމަށް ނުވަތަ ނުފެންނަކަމަށް ވެސް ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.

ދެ އިންތިހާބު އެކުގައި ބޭއްވުމުގައި ރައްޔިތުންނަށް އެއްވެސް އޮޅުވާލުމެއް އޮލުވާލާފައި ނުވާނެކަމަށާއި އެގޮތަށް ތުހުމަތުކޮށް ދައްކަނީ އެއްވެސް އަސާސެއް ނެތް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްގެ ގޮތުގައި އައިފާން ވަނީ ސިފަކުރައްވާފަ އެވެ.