އަލްޖީރިއާގެ މަސްޖިދުއް ތައްޔިބުލް އަޤަބީގައި ލޯފަން ކުޑަކުއްޖަކު ނުހަނު އަސަރާއެކު ކީރިތި ގުރުއާން ކިޔަވަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.

ދާދި ފަހުން އާންމުވި މި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ކުއްޖާގެ ހިތްގައިމު އަޑުން ގުރުއާން ކިޔަވަމުންދާއިރު، އެ ރީތި ކިޔެވުން އެހުމަށްޓަކައި ގިނަ އަދަދެއްގެ މީހުން ވަނީ އެ މިސްކިތަށް އެއްވެފައެވެ.

Ad
rt

ބްރައިލް ގުރުއާން ބޭނުންކޮށްގެން އެ ކުއްޖާ ކުރަމުންދިޔަ ރޫހާނީ ކިޔެވުމުގެ ސަބަބުން މުޅި މިސްކިތުގެ މާހައުލަށް ވަނީ ހަމަހިމޭންކަމާއި މާތްކަން ވެރިވެފައެވެ. އެ ކުއްޖާގެ އަސަރުގަދަ ކިޔެވުމުގެ ސަބަބުން މިސްކިތުގައި ތިބި ގިނަ ބައެއްގެ ހިތްތަކަށް ނުހަނު ބޮޑަށް އަސަރުކޮށް، ގިނަ ބަޔަކަށް ވަނީ ކަރުނަ ހިފަހައްޓާނުލެވިފައެވެ.

މި ފަދަ ހިތްވަރުގަދަ ނަމޫނާތައް އަލްޖީރިޔާއިން މީގެ ކުރިންވެސް ފެނިފައިވެއެވެ. އެގޮތުން، އުމުރުން އެންމެ 10 އަހަރުގައި، ހަމައެކަނި އަޑުއަހައިގެން މުޅި ގުރުއާން ހިތުދަސްކުރި ޢަބްދުއްރަޙްމާން ސަޢީދު ފަދަ ކުދިންގެ ވާހަކަތަކަކީ މުސްލިމް އުންމަތަށް ލިބޭ ނުހަނު ބޮޑު ހިތްވަރެކެވެ.

މި މަންޒަރުތަކުން ހާމަކޮށްދެނީ، އިންސާނާގެ ޖިސްމާނީ ނުކުޅެދުންތެރިކަމަކީ ﷲގެ ކަލާމްފުޅާ އޮންނަ ގާތްކަމާއި، އެކަލާނގެ ދީނަށް އޮންނަ ލޯތްބަށް އޮތް ހުރަހެއް ނޫންކަމެވެ.

މިއީ ކީރިތި ގުރުއާނުގެ މުޢުޖިޒާތާއި ﷲގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ، އީމާންކަން އާލާކުރުވަނިވި ފުރިހަމަ މިސާލެކެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ ހަމަ ގަބޫލުކުރަންވެސް ދަތި ފަދަ ރީތި އަދި އަސަރުގަދަ މަންޒަރުތަކެކެވެ.