ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިޔާ އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

"މަސްޖިދު ޝައިޚް އިބްރާހީމް ފަރީދު" ގެ ނަމުން ނަންދެވިފައިވާ މި މިސްކިތަކީ ދިވެހި ރައްޔިތުންގެ ދީލަތި އެހީއާއެކު ބިނާކުރެވުނު މިސްކިތެކެވެ.

Ad
rt

މިކަމާ ގުޅޭގޮތުން ޝައިޚްގެ ދަރިކަލުން އަބްދުﷲ ފަރީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތް ﷲ ގެ ރަޙްމަތާއި ވާގިފުޅާއެކު ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވިފައިވާ ކަމަށެވެ. އަދި މި މަސައްކަތުގައި އެހީތެރިވެދެއްވި ހުރިހާ ދިވެހި ރައްޔިތުންނަށް އާއިލާގެ ފަރާތުންނާއި ޚިދުމަތް ޖަމްޢިއްޔާގެ ފަރާތުން އޭނާ ވަނީ އިޚްލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ.

ފަރީދުގެ ހަނދާނުގައި އަޅާ ފުރަތަމަ މިސްކިތުގެ ބިންގާ އަޅައިފި

މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ޝައިޚްގެ ދެ ދަރިކަލުން ކަމަށްވާ އަބްދުﷲ ފަރީދު އަދި މުހައްމަދު ފަރީދު، 28 ޖޫން 2025 ގައެވެ. ޚިދުމަތް ޖަމްޢިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، 250 އަކަ މީޓަރުގެ ބިމެއްގައި ބިނާކުރި މި މިސްކިތަކީ 455 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 760,000 ރުފިޔާ ޚަރަދުވާނެ ކަމަށް އެ ޖަމްޢިއްޔާއިން ކުރިން އަންދާޒާކޮށްފައިވެއެވެ.

ޝައިޚް އިބްރާހީމް ފަރީދު އަވަހާރަވީ 9 ޖޫން 2025 ވީ ހޯމަ ދުވަހު، މެލޭޝިޔާއަށް ވަޑައިގެން މަތިންދާބޯޓުން ފައިބާވަޑައިގަތް ވަގުތު ކުއްލި ގޮތަކަށް ވެއްޓިވަޑައިގެން ފަރުވާ ދެމުން ދަނިކޮށެވެ. ޝައިޚް ފަސްދާނުލެވިފައިވަނީ 11 ޖޫން 2025 ގައި މެލޭޝިޔާގެ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ.

ޝައިޚް ފަރީދުގެ ހަނދާނުގައި ދެ މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާއިރު، މިއީ އޭގެ ތެރެއިން ނިންމައި ހުޅުވުނު ފުރަތަމަ މިސްކިތެވެ.

އާއިލާއިން ވަނީ ޝައިޚްގެ ފާފަ ފުއްސަވައި، ޖަންނަތުލް ފިރްދައުސްގެ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކޮށްފައެވެ.