ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ "ގޫގުލް ޑްރައިވް" އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ކުޑަރިކިލު، ހުޅެވި، ޢަލީ ނާޖިޙު އަޙްމަދު (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2026 ފެބްރުއަރީ 13 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad
rt

މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. އޭގެ ފަހުން، ފެބްރުއަރީ 19 ވަނަ ދުވަހު އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 7 ދުވަސް ދީފައެވެ. މި މުއްދަތު ހަމަވާނީ 2026 ފެބްރުއަރީ 26 ވަނަ ދުވަހަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، ދިވެހި ފުލުހުންގެ ޚިދުމަތުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަލަތަކެއްކަން ފުލުހުން ފާހަގަކުރެއެވެ.