ރާއްޖޭގައި ބޭނުންކުރަމުންދާ 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން، އެ ނޫޓުގެ އައު ސްޓޮކެއް ރާއްޖެ ގެނެސްފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން ނެރެފައިވާ "ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން، 15 ފެބުރުވަރީ 2026 ގައި އައު ސްޓޮކެއް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.

Ad
rt

މިއީ ބާޒާރުގައި ފައިސާ ދައުރުކުރުމަށް ބޭނުންވާ މިންވަރަށް ނޫޓުތައް ބެހެއްޓުމަށްޓަކައި ގެނައި ސްޓޮކެއް ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މި މަހުގެ ކުރީކޮޅުވެސް އެމްއެމްއޭއިން ވަނީ ސްޓޮކް މަދުވުމުގެ ސަބަބުން 100 ރުފިޔާގެ އައު ނޫޓުތަކެއް ރާއްޖެ ގެނެސްފައެވެ. މިގޮތަށް އައު ސްޓޮކްތައް ގެންނަނީ ބާޒާރުގައި ހުރި ބާވެ ހަލާކުވެފައިވާ ނޫޓުތައް ބަދަލުކުރުމަށާއި، ފައިސާގެ ދައުރުވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން "ރަންދިހަ ފަހެއް" ގެ ނަމުގައި އައު ނޫޓު ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1000 ރުފިޔާގެ ނޫޓުތަކެވެ. މި ހުރިހާ ނޫޓުތަކަކީވެސް ޕޮލިމަރ ކަރުދާހުގައި ތައްޔާރުކޮށްފައިވާ ނޫޓުތަކެކެވެ.