ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ޝިކާރައަކަށް ވެފައިވަނީ 15 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ސިލްވަރސްޓަރ، އަލީ ޙަސަން (44އ) އާއި ހދ. ކުޅުދުއްފުށި / ކަސްތޫރިގެ، މުޙައްމަދު އިޙްސާން (21އ) އެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، އަލީ ޙަސަން ހައްޔަރުކޮށްފައިވަނީ 2025 ޑިސެމްބަރު 24 ވަނަ ދުވަހުއެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 2026 މާރިޗު 1 ވަނަ ދުވަހަށެވެ. މުޙައްމަދު އިޙްސާން ހައްޔަރުކޮށްފައިވަނީ 2026 ފެބުރުވަރީ 3 ވަނަ ދުވަހު އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 2026 މާރިޗު 6 ވަނަ ދުވަހަށެވެ.

ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.