ފަސް ކިލޯގެ ޑްރަގް ހުރި ދަބަހެއް ރާއްޖެ އެތެރެ ކުރުމަށްފަހު އެއާޕޯޓް ތެރެއަށް ދޫކޮށްލާފައި ފިލަން އުޅުނު ޕާކިސްތާނު މީހަކު އަތުލައިގަނެ, އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އަބްދުލްލަތީފް ބަލޮޗް ނަމަކަށްކިޔާ ޕާކިސްތާނު މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2025 ވަނަ އަހަރު އޭނާ ޕާކިސްތާނުން ރާއްޖެ އައުމަށްފަހު އޭނާ ގެނައި ދެ ދަބަހުގެ ތެރެއިން އެއް ދަބަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބެލްޓަށް ދޫކޮށްލާފައި ދާން އުޅުމުން އޭނާ ހުއްޓުވައި, އެ ދަބަސް ފާސް ކުރިއިރު އެ ދަބަހުން ފަސް ކިލޯގެ މަސްތުވާތަކެތި ފެނުމުންނެވެ.
އޭނާގެ ބޯޑިން ފާސް ބެލިއިރު ދެ ދަބަސް ޗެކިން ކޮށްފައި އޮތެވެ. ނަމަވެސް، އޭނާ ނަގާފައިވަނީ އެންމެ ދަބަހެކެވެ. އެހެންވެ، ކަސްޓަމްސްގެ އޮފިސަރުން އޭނާއާ އެކު ލަގެޖު ބެލްޓަށް ގޮސް އަނެއް ދަބަސް ނަގައި ބެލިއުރ, އެ ދަބަހުގައި އޮތް ދެ ޕެކޭޖެއްގައި ފަސް ކިލޯގެ ޑްރަގް ހުއްޓެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ އެ ދަބަހަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުންޏަސް, އޭނާގެ ބޯޑިން ޕާހާއި އެހެން ލިޔުންތަކަށް ބަލާއިރު އެ ދަބަސް ގެނައީ އޭނާކަން އެނގޭ ކަމަށެވެ.
އެހެންވެ، މަސްތުވާތަކެތި ރާއްޖެއަށް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް އުމުރަށް ޖަލަށްލުމާއެކު, 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލާގައި މިހާތަނަށް ޖަލުގައި އެއް އަހަރާއި 11 މަހާއި 10 ދުވަސް ހޭދަކޮށްފަ އެވެ. އެހެންކަމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 23 އަހަރާއި 20 ދުވަހުގެ ޖަލު ހުކުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!