ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު (ކިސްވާ) ބިމަށް ވައްޓާލާފައި އޮތް ކަމަށް ބުނެ، ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ހަގީގީ ފޮޓޯއެއް ނޫންކަން "އިންސައިޑް ދަ ހަރަމައިން" އިން ކަށަވަރުކޮށްދީފިއެވެ.

އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓައިން އޭނާގެ ގޭގެ ތަޅުން މަތީގައި ގެފުޅުގެ އުރަކޮޅުން ބަޔެއް ފަތުރައިގެން ހުންނަ މަންޒަރު ފެންނަ ކަމަށްބުނާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ފޮޓޯއާއި މެދު އިސްލާމީ އުންމަތް ވަނީ ވަރަށް ބޮޑަށް ނުރުހި ނުތަނަވަސް ވެފައެވެ.

Ad
rt

މި ފޮޓޯއާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު، ހަރަމައިންގެ ޓީމުން ވަނީ މިކަމުގެ ހަގީގަތް ހާމަކޮށްފައެވެ. އެ ޓީމުން ބުނި ގޮތުގައި، މުގައްދަސް ތަންތަނާއި ތަކެއްޗާ ގުޅޭ މަޢުލޫމާތު ފެތުރުމުގައި އަމާނާތްތެރިވާންޖެހެއެވެ. އަދި ޖަޒުބާތުގައި ޖެހުމުގެ ކުރިން ކަންކަމުގެ ހަގީގަތް ބަލައި ކަށަވަރު ކުރުމަކީ އިސްލާމްދީން އުނގަންނައިދޭ ރިތި އުސޫލެކެވެ.

ހަރަމައިންގެ ފަންނީ މާހިރުން އެ ފޮޓޯ ދިރާސާކުރުމަށްފަހު ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކަކީ:
1. ސައިޒުގެ ތަފާތުވުން: އަސްލު އުރަކޮޅުގެ ފޮތިގަނޑެއް ނަމަ، އޭގެ ފުޅާމިނުގައި 7 ނުވަތަ 8 މީހުންނަށް އަތާ އަތް ގުޅާލައިގެން ތިބެގެން ނޫނީ ނުއުފުލޭނެއެވެ. ނަމަވެސް ފޮޓޯއިން ފެންނަނީ ގާތްގަނޑަކަށް 3 ނުވަތަ 4 މީހުންނަށް ކަވަރުކުރެވޭނެ ވަރުގެ ހަނި ފޮތިގަނޑެކެވެ.
2. ފޮތީގެ ބާވަތް ތަފާތުވުން: އަސްލު އުރަކޮޅަކީ އޭގައިވާ ބަރުދަނާއި ބޯ ރަންފަށުވީގެ ސަބަބުން ވަރަށް ހަރު އެއްޗެކެވެ. ފޮޓޯއިން ފެންނަނީ ލުއި ފޮތިގަނޑެއްހެން ރޫޖެހިފައި އޮތް އެއްޗެކެވެ. އަސްލު އުރަކޮޅު ބިމަށް ވައްޓާލިޔަސް، އެހާ ކުދިކުދި ރޫތަކެއް އެއަކު ނުހުންނާނެއެވެ.
3. ކުލަޔާއި ކުރެހުންތަކުގެ ތަފާތު: ދައުރުވާ ފޮޓޯގައި ފެންނަނީ ވަރަށް އަލިގަދަ ކުލަތަކެކެވެ. ނަމަވެސް އަސްލު އުރަކޮޅުގައި ހުންނަނީ ވަރަށް ފުން ކަޅުކުލައަކާއި، ހާއްސަ ހިޔަނިތަކެއް އެކުލެވޭ ފަރުމާލެކެވެ.
4. ބޯޑަރުތަކާއި ފަރުމާ: ފޮޓޯއިން ފެންނަ ފޮތިގަނޑުގެ ބޯޑަރުތަކާއި، އޭގައިވާ އަކުރުތަކާއި ބޮޅުތައް ހުރި ތަރުތީބު އަސްލު އުރަކޮޅާ އެއްގޮތަކަށްވެސް ދިމައެއް ނުވެއެވެ.
ހަރަމައިން އިން ބުނީ، މި ފޮޓޯއަކީ ގެފުޅުގެ އަސްލު އުރަކޮޅުގެ ފޮޓޯއެއް ކަމަށް ގަބޫލުނުކުރެވޭނެ ސާފު ހެކިތައް އެބަހުރި ކަމަށެވެ. އެހެންކަމުން، ސާފު ހެއްކެއް ނުލިބެނީސް މިފަދަ ޚަބަރުތައް ފަތުރައި، ހަގީގަތެއް ކަމަށް ބަލައިނުގަތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ﷲ ތަޢާލާ މުއުމިނުންނަށް އަމުރުކުރައްވާފައިވަނީ ކަމެއް ފެތުރުމުގެ ކުރިން އޭގެ ސައްހަކަން ކަށަވަރު ކުރުމަށެވެ. އަދި އެނގުމެއް ނެތި ވާހަކަ ދެއްކުމާ މެދު ރަސޫލާ ﷺ ވަނީ އިންޒާރު ކުރައްވާފައެވެ. މިފަދަ ދީނީ މުގައްދަސް ތަކެއްޗާ ގުޅޭ ކަންކަމުގައި މިއަށްވުރެ ބޮޑަށް ސަމާލުވުމަކީ އެންމެންގެ މައްޗަށް އޮތް އަމާނާތެކެވެ.

"އެޕްސްޓައިން ފައިލްސް ޓްރާންސްޕޭރެންސީ އެކްޓް" ގެ ދަށުން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އާންމުކުރި ގިނަ އަދަދެއްގެ ލިޔެކިޔުންތަކަކުގައި ގެފުޅުގެ އުރަކޮޅުގެ ބައެއް އެޕްސްޓައިން ގެންދިޔަ ކަމަށްބުނާ އީމެއިލްތަކެއް ވަނީ ހާމަވެފައެވެ. މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި، ހާއްސަކޮށް އިސްލާމީ އުންމަތުގެ މެދުގައި ބޮޑު ނުރުހުމެއް ވަނީ އުފެދިފައެވެ. ސަބަބަކީ މިކަމުގައި ހިމެނެނީ މުސްލިމުންގެ އެންމެ މުގައްދަސް އެއް ބިނާއާ ގުޅުންހުރި އެއްޗަކަށް ވާތީއެވެ.

ޝިޕްމަންޓް (2017)އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖީ) އިން ހާމަކުރި ފައިލްތަކުން އެނގޭ ގޮތުގައި، މާތްވެގެންވާ ކަޢުބާގެ ކިސްވަތުގެ (ރަން ފޮޅިޖެހި ކަޅު ފަށުވި ފޮތިގަނޑު) ތިން ބައެއް 2017 ވަނަ އަހަރުގެ ކުރީކޮޅު ފްލޮރިޑާގައި ހުންނަ ޖެފްރީ އެޕްސްޓައިންގެ ގެއަށް ވަނީ ފޮނުވާފައެވެ. މި ޝިޕްމަންޓް ފޮނުވުމުގައި އިސްކޮށް އުޅުނީ ޔޫއޭއީގެ ވިޔަފާރިވެރިއެއް ކަމަށްވާ އަޒީޒާ އަލް-އަހުމަދީ އާއި ސައުދީގެ މެދުވެރިއެއް ކަމަށްވާ ޢަބްދުﷲ އަލް-މާރީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފާރަވެރިވުމުގެ ތެރެއިން ސަލާމަތްވުމަށްޓަކައި، ކަސްޓަމްސް ފޯމުތަކުގައި މި ތަކެތި ހިމަނާފައިވަނީ "އާޓްވޯކް" ނުވަތަ ފަންނީ ކުރެހުމެއްގެ ގޮތުގައެވެ. ފައިލްތަކުން ދައްކާ ގޮތުގައި މީގެ ތެރޭގައި ހިމެނެނީ ކަޢުބާގެ އެތެރޭގެ އުރަޔާއި، ބޭރުގެ އުރައިގެ ބަޔަކާއި، އަދި ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ އޭގެ ނަކަލެކެވެ.