ހއ. އަތޮޅުގައި އޮންނަ ދަނޑުވެރިކަމުގެ ރަށް މާފަހިން އުފައްދާ ބާވަތްތައް މާލެ އަށް އުފުލާ އަދި ހއ. އަތޮޅާއި ހދ. ހަނިމާދޫ އަށް މާލެއިން އާންމު މުދާ އުފުލާ މާފަހި ބޯޓު ރޭ ފަރަށް އަރައިފިއެވެ.
މި ބޯޓުން މާލެ ގެންނަ ދަނޑުވެރިކަމުގެ ބާވަތް މާލެ އަށް ހުސްކުރުމަށްފަހު އެނބުރި ދަނީ މާލެއިން އާންމު މުދާ ބަރުކޮށްގެންނެވެ. މި ބޯޓުން ހދ. ހަނިމާދޫގެ އާންމުންނާއި، ވިޔަފާރިވެރިން ގިނަ އަދަދެއްގެ މުދާ ގެންދާއިރު، ހަނިމާދޫގައި އޮންނަ ސިޓީ ހޮޓާ، ''ދަ ބެއާފޫޓް އެކޯ ހޮޓެލް'' އަށް ސަޕްލައި ގެންދަނީ ވެސް މި ބޯޓުންނެވެ. މީގެ އިތުރުން ހއ. އަތޮޅުގެ މުރައިދޫ، ވަށަފަރު އަދި އުތީމު ފަދަ އެ ސަރަހައްދުގެ ރަށްތަކުން ވެސް ގިނަ އަދަދެއްގެ މުދާ މި ބޯޓުން ގެންދެއެވެ.
މާލެ އާއި މާފައްސާ ދެމެދު ހަފުތާއަކު ދަތުރެއް ކުރަމުން އަންނަ މިބޯޓު ކޮންމެ ހަފުތާއަކު އަންގާރަ ދުވަހު މާލެ އައުމަށްފަހު މާފައްސަށް ދިޔުމަށް ފުރަނީ ބުރާސްފަތި ދުވަހުއެވެ. މިގޮތުން މި ބޯޓު އިއްޔެ މާލެއިން ފުރާފައި ވަނީ ހެނދުނު 11:00 ހާއިރުއެވެ.
މާފަހި ބޯޓު ފަރަށް އަރާފައި، ފޮޓޯ: ސޯޝަލް މީޑިއާ
މި ބޯޓާއި ގުޅޭގޮތް ނުވިނަމަވެސް އެ ބޯޓުން މުދާ ގެންދާ ދެ ވިޔަފާރިވެރިއަކު ''ތިލަދުން'' އަށް ކަށަވަރުކޮށްދިންގޮތުގައި އެ ބޯޓު ރޭ މެންދަމުގެ ވަގުތެއްގައި ވަނީ ށ.އަތޮޅުގެ ފަރަކަށް އަރާފައެވެ.
''ރޭ ދެއެއްޖަހާކަށްހާއިރު ށ. މަރޮށީ ސަރަހައްދު ފަރަކަށް އެރިކަމަށް ކެޕްޓަން ބުނީ، އެމީހުން ހާސްވެފައި ތިބުމުން މާގިނަ ސުވާލެއް ކުރާކަށް ނުކެރުނު، މިރޭގެ މެންދަމުގެ ވަގުތެއްގައި ބޯޓު ފުންވާނެކަމަށް ބެލެވޭކަމަށް ވެސް ކެޕްޓަން ބުނި'' ކޮންމެ ހަފުތާއަކުވެސް އެ ބޯޓުން ގިނަ އަދަދެއްގެ ފިނިކުރި ސާމާނާއި އެހެނިހެން މުދާވެސް ގެންދާ އެ ވިޔަފާރިވެރިޔާ ބުންޏެވެ.
މި ބޯޓަކީ ހަފުތާއަކު އެއްފަހަރު ދަތުރުކުރާ ބޯޓަކަށްވުމުން ބޯޓުން މުދާ އުފުލާ ރަށްރަށުގެ ވިޔަފާރިވެރިން ފިނިކުރި ސާމާނާއި، މޭވާ، ތަރުކާރީ ފަދަ ތަކެތި ގިނަ އަދަދަކަށް މި ބޯޓަށް އަރުވައެވެ. މި ބޯޓު މާލެއިން ފުރަނީ މިރަށްރަށާއި މާފައްސަށް ބޭނުންވާ އެއްޗެހި އަރުވައި ބަރުކޮށްގެންކަމަށްވުމުން ފަރަށް އެރިއިރު ބޯޓުގައި ގިނަ އަދަދެއްގެ މުދާ ހުންނާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!