ސްރީ ލަންކާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ރަހުމަތްތެރީންގެ ތެރޭގައި ހިމެނޭ ޤައުމެއްކަމުގައި ރައީސްޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ އެ ގައުމުގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޤައުމުގެ ރައްޔިތުންނާއި ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށާއި، ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއަށް، ތަހުނިޔާ ފޮނުއްވައިފި ރައީސް ކުރެއްވި މި ޕޯސްޓްގައި ވަނީ ދެ ޤައުމުގެ އެތައް ޤަރުނެއްވީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސްރީ ލަންކާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ރަހުމަތްތެރީންގެ ތެރޭގައި ހިމެނޭ ޤައުމެއް ގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.
މީގެ އިތުރުން ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށާއި، ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއަށް އެމަނިކުފާނު ވަނީ ވަކިވަކިން ދެ ސިޓީފުޅު ފޮނުއްވާފައެވެ.
ރައީސް ޑިސަނާޔަކެ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި އަހަރުގެ މިނިވަން ދުވަސް ސްރީލަންކާއާ ބައްދަލުކުރަނީ، އެ ޤައުމުގެ އިޤުތިޞާދު އިތުރަށް ހަރުދަނާކުރުމުގައްޔާއި، އެ ޤައުމުގައި އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރުމުގައްޔާއި، ޤައުމީ ކުރިއެރުމުގައި، އެ ޤައުމުން ވިލުންތެރިކަން ދައްކަމުންދާ ދަނޑިވަޅެއްގައިކަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމުން ހިއްސާކުރާ ސަރަހައްދީ އަހުމިއްޔަތުތަކާއި އެއްބައިވަންތަކަމުގެ ތާރީޚުން ބާރުދޭ، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު އަމަރަސޫރިޔާ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުން ހިއްސާކުރާ ރަޙުމަތްތެރިކަމާއި އެއްބައިވަންތަކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނޭކަމަށް ޔަޤީންކުރައްވާފައެވެ. ޚާއްޞަކޮށް، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތައްކަމުގައިވާ ވިޔަފާރި، ތަރައްޤީ އަދި ސަރަހައްދީ ހަމަޖެހުން ޤާއިމުކުރުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިވަމުންދާނޭކަމަށް ޔަޤީންކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަސް ސްރީލަންކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1948 ވަނަ އަހަރު، އިނގިރޭސި އިސްތިޢުމާރުން މިނިވަންކަން ލިބުން ފާހަގަކުރުމަށްޓަކައެވެ. ރައީސް މުޢިއްޒު ވަނީ ލަންކާގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!