ހދ. ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަނޫން ޓްރާންސްފާ ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ފައިންސް، ޙަސަން މޫސާ (33އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސުލިޕް ފޮނުވައިގެން 3,000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ޙަސަން މޫސާ ނަގާފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު ފިހާރައަކުން ވެސް މިފަދަ ގޮތަކަށް އޭނާ ވިޔަފާރިކޮށްފައިވާނަމަ، އެކަން ކުޅުދުއްފުށި ސިޓީ ޕޮލިހަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޙަސަން މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ހަތްދުވަސް ވަނީ އިތުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!