ގިރާވަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް މިއަދު ހެނދުނު ރަސްމީކޮށް ފަށާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒޔ އިޢުލާނު ކުރައްވައިފިއެވެ.

މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

Ad
rt

މި މަސައްކަތް ކުރިއަށް ދަނީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ބޮޑު ޑްރެޖަރެއް ކަމަށްވާ 'އޮރަންޖީ' ބޭނުންކޮށްގެންނެވެ. މި ޑްރެޖަރުގެ އެހީގައި ހިއްކުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

ގިރާވަރު ފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ހިއްކިފައިވަނީ 56 ހެކްޓަރެވެ. ބާކީ އޮތް 113 ހެކްޓަރު ހިއްކުމުގެ މަސައްކަތް ނިމުމުން، މާލެ ސަރަހައްދުގައި އެންމެ އަވަހަށް ހިއްކާ ނިމޭނެ ތަނަކީ މިއީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގޯތި ދޫކުރުމާއި ލޭންޑް ޔޫސް ޕްލޭން

ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، އެތަނުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތުލުން ކުރިއަށްދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ 4 ސައިޒެއްގެ 4,072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތަފްސީލަކީ:

1250 އަކަފޫޓުގެ 2603 ގޯތި
1650 އަކަފޫޓުގެ 1214 ގޯތި
2050 އަކަފޫޓޫގެ 254 ގޯތި
2450 އަކަފޫޓުގެ 1 ގޯތި

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައިވެސް ބިން ހިއްކުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ގިރާވަރު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ މަސައްކަތެކެވެ.