ދިވެހިރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ތަކުގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެފަދަ ޒޯނެއްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ މިންގަނޑު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން ކަނޑައަޅުއްވައިފިއެވެ.
މި ބަދަލުތައް ގެންނަވާފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވި ޤަރާރެއްގެ މެދުވެރިކޮށެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ބޯޑް އޮފް އިންވެސްޓްމަންޓްގެ މަޝްވަރާއާއެކު ކޮންމެ އަހަރަކުވެސް އެސް.އީ.ޒެޑް ތަކުގެ އިންވެސްޓްމަންޓް މިންގަނޑުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހެއެވެ. މިފަހަރުގެ ނިންމެވުމަކީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ނެރުއްވި ޤަރާރު މުރާޖަޢާ ކުރެއްވުމަށްފަހު، ޤާނޫނުގައި ބަޔާންކުރާ ފެބުރުވަރީ މަހުގެ ސުންގަޑީގެ ކުރިން ނިންމެވި ނިންމެވުމެކެވެ.
އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑުތައް
އަލަށް ކަނޑައެޅުއްވި މިންގަނޑުތަކަށް ބަލާއިރު، އެސްއީޒެޑްގައި ހިންގިދާނޭ އިޤްތިޞާދީ މަސައްކަތްތައް ދެ ބަޔަކަށް ވަނީ ބައްސަވާލައްވާފައެވެ. އެއީ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އިންވެސްޓްމަންޓްތަކާއި، 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްޤީކުރާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫޢުތަކެވެ. ޓައުންޝިޕް މަޝްރޫޢުތަކުގައި ކަނޑައެޅިފައިވާ 500 މިލިޔަން ޑޮލަރު ޚާއްޞަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓްތަކަށް ކަމަށް ޤަރާރުގައިވެއެވެ.
ސްޓްރެޓީޖިކް އިންވެސްޓްމަންޓްގެ ދާއިރާތައް
100 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ޖުމުލަ ނުވަ ދާއިރާއެއް ވަނީ ހިމަނުއްވާފައެވެ. މީގެ ތެރޭގައި އަލަށް ހިމެނުއްވި މުހިންމު އެއް ދާއިރާއަކީ ތެލާއި، ގޭހާއި، މިނަރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތަކެވެ. މީގެ އިތުރުން އެކްސްޕޯޓަށް އިސްކަންދޭ މެނުފެކްޗަރިންގ، ޓްރާންސްޝިޕްމަންޓް ޕޯޓް، ބަންކަރިންގ، އަދި އިންޓަރނޭޝަނަލް ލޮޖިސްޓިކްސް ފަދަ ދާއިރާތައް ހިމެނެއެވެ.
މީގެ އިތުރުން ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ޔުނިވަރސިޓީތަކާއި ސްޕެޝަލިޓީ ހޮސްޕިޓަލްތަކުގެ އިތުރުން، އައި.ސީ.ޓީ ޕާކުތަކާއި، އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް، އިޢާދަކުރަނިވި ހަކަތަ، ފުޑް ސެކިއުރިޓީ އަދި ރާއްޖެއަށް އާ ޓެކްނޮލޮޖީ ތަޢާރަފްކުރުން ފަދަ މުހިންމު ދާއިރާތައް މި ލިސްޓުގައި ހިމެނެއެވެ.
މި ބަދަލުތަކާއެކު ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ޝައުޤުވެރިކުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!