އަތޮޅުތެރޭގެ ރަށްތަކުގައި ހުރި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި، އަލަށް ހޯދި 56 އެމްބިއުލާންސް ރާއްޖެ ގެނެސްފިއެވެ.
ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިއީ ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެކެވެ.
ހެލްތް މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ ޖުމްލަ 65.3 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.
މި އެމްބިއުލާންސްތައް ގެނައުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 2025 ވަނަ އަހަރުގެ ތެރޭގައެވެ. މި އެމްބިއުލާންސްތައް ގެނައުމުގެ މަސައްކަތް އެމްޕީއެލް އިން ކުރިއަށް ގެންގޮސްފައިވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ.
ހެލްތުން ހާމަކޮށްފައިވާ ގޮތުގައި، މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައި މި ހުރިހާ އެމްބިއުލާންސްތަކެއް ވަނީ ރާއްޖެއަށް ގެނެސް ނިންމާފައެވެ. މި އެމްބިއުލާންސްތައް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މިވަގުތު އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ ރަށްތަކަށެވެ.
އިތުރު އެމްބިއުލާންސްތަކާއި ޕެރަމެޑިކް ޚިދުމަތް
މިހާރު ގެނެސްފައިވާ 56 އެމްބިއުލާންސްގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތައް ގެނައުމަށް ވެސް ވަނީ ރޭވިފައެވެ. މީގެއިތުރުން، ގްރޭޓަރ މާލޭ ސަރަހައްދާއި އެހެނިހެން ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް، އެ ޚިދުމަތް ވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.
ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެކެވެ. މި އައު އެމްބިއުލާންސްތަކާއެކު، ރަށްރަށުގައި ކުއްލި ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!