ހދ. ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބޭއްވި "ޑަބްލިޔު.ޑީ.ސީ އެކްސްޕޯ 2026" ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަހުގެ 10 ވީ ހޮނިހިރު ދުވަހު ކުޅުދުއްފުށީ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައި ކުރިއަށްދިޔަ މި އެކްސްޕޯއަށް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
މި އެކްސްޕޯގައި ޖުމްލަ 25 ސްޓޯލަކުން ކުޅުދުއްފުށީގައި ހިންގަމުން އަންނަ ތަފާތު އެކިއެކި އަމިއްލަ ވިޔަފާރިތަކާއި މަސައްކަތްތެރިންގެ ހުނަރުވެރިކަން ދައްކާލާފައިވެއެވެ. އޭގެ ތެރޭގައި 23 އަންހެން ބޭފުޅުންނާއި 2 ފިރިހެން ބޭފުޅުން ބައިވެރިވެފައިވާކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ. ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗާއި، ފެހުމާއި، ރެޒިން އާޓްގެ އިތުރުން އަތްތެރިކަމުގެ ތަފާތު އުފެއްދުންތަކާއި މުޖުތަމައަށް ބޭނުންތެރި ހިދުމަތްތަކުގެ ސްޓޯލްތައް މި އެކްސްޕޯގައި ހިމެނުނެވެ.
އެކްސްޕޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 1100 އަށްވުރެ ގިނަ މީހުން މި ހަރަކާތް ބަލާލުމަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި އެކްސްޕޯގެ ތެރޭގައި 55,000ރ އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރީގެ މުއާމަލާތް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު 32 ނަސީބުވެރިއަކަށް ގިފްޓް ހެމްޕަރ ހަވާލުކޮށްފައިވެއެވެ.
މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށީގެ ހުނަރުވެރިންގެ މަސައްކަތްތަކާއި އަމިއްލަ ވިޔަފާރިތައް އިޝްތިހާރުކުރުމުގެ މަގު ފަހިކޮށްދީ، އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލެވޭނެ މާހައުލެއް ގާއިމުކޮށްދިނުމެވެ. އެކްސްޕޯގެ ބައިވެރިން ފާހަގަކުރި ގޮތުގައި، މި ހަރަކާތުގެ ސަބަބުން މާލީ މަންފާގެ އިތުރުން ވިޔަފާރިތައް އިޝްތިހާރުވެ، މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.
އެކްސްޕޯގެ ތެރެއިން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިސްޤާލް ބޮޑުބެރު ގްރޫޕުގެ ހުށަހެޅުންތަކާއި، ޒެނޯ ވައިބް ބޭންޑްގެ މިޔުޒިކް ޝޯވގެ އިތުރުން ކުޑަކުދިންނަށް ހާއްސަ މެސްކޮޓްތައް މި ހަރަކާތުގެ ތެރެއިން ފެނިގެންދިޔައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!