ޗައިނާގެ އިންޓެލިޖެންސް އޮފިސަރަކަށް މަނަވަރުތަކުގެ ޓެކްނިކަލް އަދި އޮޕަރޭޓިން މެނުއަލްތަކާއި އޮޕަރޭޓިން ސިސްޓަމްތަކުގެ މައުލޫމާތު ވިއްކިކަން ސާބިތުވި އެމެރިކާގެ ކުރީގެ ނޭވީ ސިފައިންގެ މީހަކު 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހޯމަ ދުވަހު ހުކުމްކޮށްފި ކަމަށް ޕްރޮސެކިއުޓަރުން ބުނެފިއެވެ.

ސެން ޑިއޭގޯގެ ފެޑަރަލް ފަނޑިޔާރަކު އުމުރުން 25 އަހަރުގެ ޖިންޗާއޯ ވޭގެ މައްޗަށް ހުކުމްކުރީ 200 މަސްދުވަހުގެ ޖަލު ހުކުމެކެވެ. ޖާސޫސްކުރުން ހިމެނޭހެން ހަ ކުށެއް ވޭގެ މައްޗަށް ސާބިތުވާކަމަށް ފެޑަރަލް ޖޫރީއަކުން ނިންމީ މިދިޔަ އޮގަސްޓް މަހުއެވެ. އޭނާ ވިއްކި މައުލޫމާތަށް 12,000 ޑޮލަރަށްވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ނެރުނު ބަޔާނެއްގައިވެއެވެ.

Ad
rt

އެމްފިބިއަސް އެސޯލްޓް ޝިޕް "ޔޫއެސްއެސް އެސެކްސް" ގެ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރި ވޭ އަކީ، ޗައިނާއަށް އަސްކަރީ ސިއްރު މައުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި 3 އޮގަސްޓް 2023 ގައި ދައުވާ އުފުލި ކެލިފޯނިއާގެ ދެ ސިފައިންގެ ތެރެއިން އެކެކެވެ. އަނެއް މީހާ ކަމަށްވާ ވެންހެންގް ޒާއޯ، ރޭވުމެއްގައި ބައިވެރިވުމާއި ރިޝްވަތު ހިފުމުގެ ކުށަށް އިއުތިރާފުވުމާ ގުޅިގެން 2024 ވަނަ އަހަރު ވަނީ ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

ޗައިނާ ސަރުކާރުން ކުރިމަތިކުރާ ޖާސޫސީ ނުރައްކާތަކާ މެދު އެމެރިކާގެ އޮފިޝަލުން އަހަރުތަކެއް ވަންދެން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފާއިތުވި އަހަރުތަކުގައި ސަރުކާރާއި ވިޔަފާރީގެ ސިއްރު މައުލޫމާތު ވަގަށް ނަގާފައިވާ ބެއިޖިންގެ އިންޓެލިޖެންސް އެޖެންޓުންނާ ދެކޮޅަށް ވަނީ ޖިނާއީ މައްސަލަތައް ހުށަހަޅާފައެވެ.

ޕްރޮސެކިއުޓަރުން ބުނި ގޮތުގައި، ވޭ ރެކްރޫޓްކޮށްފައިވަނީ 2022 ވަނަ އަހަރު ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އޭނާ ރެކްރޫޓްކުރި އިންޓެލިޖެންސް އޮފިސަރު އޭރު އަމިއްލައަށް ތައާރަފުވީ ޗައިނާގެ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ "ޗައިނާ ޝިޕްބިލްޑިންގ އިންޑަސްޓްރީ ކޯޕަރޭޝަން" ގައި މަސައްކަތްކުރާ، ކަނޑުގެ އަސްކަރިއްޔާއަށް ޝައުގުވެރިކަން ހުންނަ މީހެއްގެ ގޮތުގައެވެ.

ކޯޓަށް ހުށަހެޅި ހެކިތަކުން އެނގޭ ގޮތުގައި، އެ މީހާއަކީ "ވަރަށް ބޮޑަށް ޝައްކު އުފެދޭ" މީހެއް ކަމަށާއި، އެއީ "ވަރަށް ސާފުކޮށް" ޖާސޫސްކުރުން ކަމަށް ވޭ އޭނާގެ ރަހުމަތްތެރިއެއްގެ ގާތުގައި ބުނެފައިވެއެވެ. ނަމަވެސް، އެ މީހާއާ އޮތް ގުޅުން ކަނޑާލުމަށް ރަހުމަތްތެރިޔާ ދިން ނަސޭހަތަށް ވޭ ބޯނުލަނބައި، އޭގެ ބަދަލުގައި އިންޓެލިޖެންސް އޮފިސަރާ ވާހަކަދެއްކުން ބަދަލުކުރީ މާ ރައްކާތެރި އެޕެއް ކަމަށް އޭނާއަށް ގަބޫލުކުރެވުނު އެންކްރިޕްޓް ކުރެވިފައިވާ މެސެޖިންގ އެޕަކަށެވެ.

18 މަސްދުވަހުގެ ތެރޭގައި، ވޭ ވަނީ އެސެކްސް މަނަވަރުގެ ފޮޓޯއާއި ވީޑިއޯ ފޮނުވައި، ނޭވީގެ އެކި މަނަވަރުތައް ހުރި ތަންތަނުގެ މައުލޫމާތާއި، އެސެކްސްގައި ހުރި ދިފާއީ ހަތިޔާރުތަކުގެ މައުލޫމާތު އެ އޮފިސަރަށް ދީފައި ކަމަށް ޕްރޮސެކިއުޓަރުން ބުންޏެވެ.

ނޭވީގެ ވެބްސައިޓުގައިވާ ގޮތުން، އެސެކްސް އަކީ ވައިގެ މަގުންނާއި ކަނޑުގެ މަގުން ދޭ ހަމަލާތަކުގައި މެރިން ކޯގެ 2,000 އަށްވުރެ ގިނަ ސިފައިން އުފުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ މަނަވަރެކެވެ.

ހުކުމް ކުރުމުގެ ކުރިން ފަނޑިޔާރަށް ފޮނުވި ސިޓީއެއްގައި ވޭ ވަނީ މާފަށް އެދިފައެވެ. އަދި އޭނާ ރަހުމަތްތެރިއެއްގެ ގޮތުގައި ދެކުނު މީހާއާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. ވޭ ބުނި ގޮތުގައި އޭނާގެ ވިސްނުން ކުށްވެރިވީ "އެކަނިވެރިކަމާއި މީހުންނާ ދުރުގައި އުޅުމުގެ" ސަބަބުންނެވެ.