އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ޓޫލްއެއް ކަމަށްވާ 'ގްރޮކް' ބޭނުންކޮށްގެން އަންހެނުންނާއި ކުޑަކުދިންގެ ފޮޓޯތައް ބަދަލުކޮށް، ބޭއަދަބީ އަދި ޖިންސީ މަންޒަރުތައް އިންޓަނެޓުގައި ފަތުރަމުންދާތީ، އިންޑޮނޭޝިއާއަށްފަހު މެލޭޝިއާ އިން ވެސް އެ ޓޫލް ބްލޮކްކޮށްފިއެވެ.
ގްރޮކް ބޭނުންކޮށްގެން ޖިންސީ މަންޒަރުތައް ހިމެނޭ 'ޑީޕްފޭކް' އުފެއްދުން އާންމުވަމުންދާތީ، އެކަން ހުއްޓުވުމަށް އިލޮން މަސްކަށް ބައިނަލްއަގުވާމީ ގޮތުން ދަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންނެވެ.
ގްރޮކް އަކީ ކުރިން ޓުވިޓާގެ ނަމުން މަޝްހޫރުވި މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިމެނޭ ޓޫލްއެކެވެ.
އިންޑޮނޭޝިއާގެ ޑިޖިޓަލް މިނިސްޓަރު މިއުޓިއާ ހާފިޒް ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ޓޫލް މަނާކުރީ "އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ފޭކް ޕޯނޯގްރަފިކް ކޮންޓެންޓްގެ ނުރައްކަލުން އަންހެނުންނާއި، ކުޑަކުދިން އަދި އާންމު ރައްޔިތުން ރައްކާތެރިކުރުމަށް" ކަމަށެވެ.
މެލޭޝިއާ އިން ވެސް އާދީއްތަ ދުވަހު ވަނީ ވަގުތީ ގޮތުން ގްރޮކް މަނާކޮށްފައެވެ. އެ ގައުމުން ބުނީ މި ފިޔަވަޅު އެޅީ "އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް، މީހުންގެ ނުރުހުމުގައި ފޮޓޯތައް ބަދަލުކޮށް، ބޭއަދަބީ އަދި ޖިންސީ މަންޒަރުތައް އުފެއްދުމަށް ތަކުރާރުކޮށް ގްރޮކް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ" ކަމަށެވެ.
އިންޑޮނޭޝިއާ އާއި މެލޭޝިއާ އަކީ މުސްލިމް އަޣުލަބިއްޔަތު އޮންނަ، ޕޯނޯގްރަފީއާ ދެކޮޅު ހަރުކަށި ގާނޫނުތަކެއް އޮންނަ ދެ ގައުމެވެ.
މިކަމާ ގުޅޭގޮތުން ބައެއް ބައިނަލްއަގްވާމީ ނޫސްތަކުން ވަނީ ގްރޮކްގެ މައި ކުންފުނި 'xAI' ގެ ބަހެއް ހޯދުމަށް އެދިފައެވެ. އިނގިރޭސިވިލާތް، ޔޫރަޕިއަން ޔޫނިއަން އަދި އިންޑިއާގެ އޮފިޝަލުން ވެސް ވަނީ ގްރޮކްގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ ކުރިން މަސްކް އަދި xAI އިން ބުނެފައިވަނީ ގަވާއިދާ ހިލާފުވާ އެކައުންޓްތައް ދާއިމީކޮށް ސަސްޕެންޑްކޮށް، ސަރުކާރުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ގްރޮކް މެދުވެރިކޮށް އަންހެނުންގެ ޖިންސީ މަންޒަރުތައް އުފެއްދުން އަދިވެސް ދަނީ އިތުރުވަމުންނެވެ.
އެހެން އޭއައި މޮޑެލްތަކާ ހިލާފަށް، ގްރޮކް އަކީ ޖިންސީ ކޮންޓެންޓް އުފެއްދުމަށް ފުރުސަތުދޭ، އަދި ބައެއް ހާލަތްތަކުގައި އެކަމަށް ހިތްވަރުދޭ ޓޫލްއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މި ނުރައްކާތެރި އޮއިވަރު ފެށުނީ މިދިޔަ އަހަރުގެ ފަހުކޮޅު، އެކްސްގައި ގްރޮކް 'ޓެގް' ކޮށްގެން ފޮޓޯތައް ބަދަލުކުރެވޭކަން ގިނަ ބަޔަކަށް އެނގުނު ހިސާބުންނެވެ.
މި ޗެޓްބޮޓް ބޭނުންކޮށްގެން މީހުން ބިކިނީގައި ތިބޭ މަންޒަރުތަކާއި ބޭއަދަބީ ގޮތްގޮތަށް ތިބޭ ފޮޓޯތައް އުފެއްދުމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ލައްކަ އަންހެނުންނަކަށް ވަނީ ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައެވެ.
އޭއައި ފޮރެންސިކްސް ނަމަކަށް ކިޔާ ޔޫރަޕްގެ ޖަމިއްޔާއަކުން ވަނީ ޑިސެމްބަރު 25 އާއި ޖެނުއަރީ 1 އާ ދެމެދު ގްރޮކް އިން އުފެއްދި 20،000 އަށް ވުރެ ގިނަ ފޮޓޯ އާއި 50،000 އަށް ވުރެ ގިނަ ޔޫޒާ ރިކުއެސްޓް ދިރާސާކޮށްފައެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި، ގްރޮކް އިން އުފެއްދި އިންސާނުންގެ ފޮޓޯތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ފޮޓޯގައި މީހުން ތިބީ ބިކިނީ ނުވަތަ އެތެރެއިންލާ އަންނައުނު ފަދަ ކުޑަ ހެދުންކޮޅެއްގައެވެ.
ސެންސަރޝިޕާ ދެކޮޅަށް މަސްކްގެ ދިފާއު
މަސްކް އަބަދުވެސް ވަކާލާތު ކުރައްވަނީ އޭއައި މޮޑެލްތަކުގައި ހުންނަ ހަރުކަށި ހުރަސްތަކާ ދެކޮޅަށެވެ. އޭނާ އެކަން ސިފަކުރައްވަނީ "ސެންސަރޝިޕް" ގެ ގޮތުގައެވެ.
ނަމަވެސް، xAI ގެ އެތެރޭގެ މަސްދަރަކުން ސީއެންއެން އަށް މައުލޫމާތު ދިން ގޮތުގައި، ގްރޮކްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކުންފުނީގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް މަސްކް ދަނީ ހުރަސް އަޅުއްވަމުންނެވެ.
މި މައްސަލަ ބޮޑުވުމުގެ ހަފްތާތަކެއް ކުރިން، xAI ގެ ސޭފްޓީ ޓީމުގެ ބައެއް މުވައްޒަފުން ވަނީ ވަކިވެފައެވެ.
މަސްކް ވިދާޅުވެފައިވަނީ ގްރޮކް ބޭނުންކޮށްގެން ގާނޫނާ ހިލާފު ކޮންޓެންޓް އުފައްދާ ކޮންމެ މީހަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.ނަމަވެސް، އެ އެޕްގައި ހުންނަ ޖިންސީ މާހައުލުގެ ކޮންޓެންޓާ މެދު ހުރި ކަންބޮޑުވުންތަކަށް އޭނާ ވަނީ ބޮޑުތަނުން ފުރަގަސްދީފައެވެ. އޭނާ ވަކާލާތު ކުރައްވާ ގޮތުގައި ސަރުކާރުތަކުން "ބޭނުންވަނީ ހަމައެކަނި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާށެވެ." އަދި އޭނާއަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަނީ އިމޯޖީ ބޭނުންކުރައްވައިގެންނެވެ.
ނިމިދިޔަ ހަފުތާގައި، ގްރޮކް (Grok) އިން ވަނީ އޭގެ ބައެއް އިމޭޖް ޖެނެރޭޝަން ފީޗާތައް އެކްސް (X) ގެ ފައިސާ ދައްކައިގެން ސަބްސްކްރައިބް ކުރާ ފަރާތްތަކަށް އެކަނި ލިބޭ ގޮތަށް ހަނިކޮށްފައެވެ. ނަމަވެސް، މި ހަނިކުރުންތައް އަމާޒުވަނީ ބޭނުންކުރާ ފަރާތްތަކުން ގްރޮކްއާ މުއާމަލާތްކުރާ ގޮތްތަކުގެ ތެރެއިން އެންމެ ގޮތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!