އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މީހުންގެ ނުރުހުމުގައި ޖިންސީ މަންޒަރުތައް ހިމެނޭ ފޮޓޯ އުފައްދާ މައްސަލައިގައި ކަންބޮޑުވުންތައް އިތުރުވުމާ ގުޅިގެން، އީލޮން މަސްކްގެ އޭއައި ޗެޓްބޮޓް "ގްރޮކް" އިންޑޮނޭޝިއާއިން ހޮނިހިރު ދުވަހު ސަސްޕެންޑްކޮށްފިއެވެ.
އީލޮން މަސްކްގެ މި ޕްލެޓްފޯމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޑުކިޔުންތައް އަމާޒުވަމުންދަނީ، އޭގެ އިމޭޖް ކްރިއޭޝަން ފީޗާ ބޭނުންކޮށްގެން އަންހެނުންނާއި ކުޑަކުދިންގެ ފޮޓޯތައް ޖިންސީ ސިފަ އަންނަ ގޮތަށް ބަދަލުކުރުމުގެ ފުރުސަތު އޮތްކަމުގެ ރިޕޯޓްތައް ފެންމަތިވުމާ ގުޅިގެންނެވެ.
ސީބީއެސް ނިއުސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އަންހެނުންގެ ފޮޓޯތައް ބިކިނީ ނުވަތަ ކުޑަ ފޭރާމުގައި ހުންނަ ގޮތަށް ބަދަލުކޮށްދިނުމަށް ޔޫޒަރުން އެދުމުން ގްރޮކްއިން ވަނީ އެކަން ކޮށްދީފައެވެ. މީގެ ތެރޭގައި ކުރީގެ ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ފަދަ މަޝްހޫރު ޝަޚްސިއްޔަތުން ވެސް ހިމެނެއެވެ. އެހެން ގައުމުތަކުގައި މި ޚިދުމަތް ހަމައެކަނި ފައިސާ ދައްކާ ސަބްސްކްރައިބަރުންނަށް ހަނިކޮށްފައިވީ ނަމަވެސް، އިންޑޮނޭޝިއާއަކީ މި ޓޫލްއަށް އެއްކޮށް ވަނުން މަނާކުރި ފުރަތަމަ ގައުމެވެ.
"އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ފޭކް ޕޯން ކޮންޓެންޓްގެ ނުރައްކަލުން އަންހެނުންނާއި، ކުޑަކުދިން އަދި އާންމުން ރައްކާތެރިކުރުމަށްޓަކައި، ސަރުކާރުން ވަނީ ގްރޮކް އެޕްލިކޭޝަނަށް ވަނުން ވަގުތީ ގޮތުން ބްލޮކްކޮށްފައި،" ކޮމިއުނިކޭޝަން އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓަރު މިއުޓިއާ ހާފިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
"މީހުންގެ ނުރުހުމުގައި ޑީޕްފޭކް އުފެއްދުމަކީ އިންސާނީ ހައްގުތަކާއި، ކަރާމާތާއި، އަދި ޑިޖިޓަލް މާހައުލުގައި ރައްޔިތުންގެ ސަލާމަތަށް އޮތް ސީރިއަސް ނުރައްކަލެއް ކަމަށް ސަރުކާރުން ދެކެން."
ޖަކާޓާގައި ތިބި އޭއެފްޕީގެ ނޫސްވެރިން ބުނި ގޮތުގައި، ހޮނިހިރު ދުވަހުގެ އިރުއޮއްސުނު އިރުވެސް ގްރޮކްގެ އެކްސް އެކައުންޓް ހަރަކާތްތެރިކޮށް އޮތްއިރު، އިންޑޮނޭޝިއާ ބަހުން ކުރާ ސުވާލުތަކަށް ވެސް އެ އެކައުންޓުން ދިޔައީ ޖަވާބު ދެމުންނެވެ.
ގްރޮކް އުފެއްދި މަސްކްގެ ސްޓާޓްއަޕް "xAI" އިން ސީބީއެސް ނިއުސްއަށް ދިން ބަޔާނެއްގައި، އިތުރު ތަފްސީލެއް ދިނުމެއް ނެތި ބުނެފައިވަނީ "ލެގަސީ މީޑިއާ އިތުރު ހަދަނީ" ކަމަށެވެ. މި މެސެޖަކީ މީޑިއާތަކުން ކުރާ ސުވާލުތަކަށް އޮޓޮމެޓިކުން ދޭ ޖަވާބެއް ކަމަށް ބެލެވެއެވެ.
ޔޫރަޕްގެ އޮފިޝަލުންނާއި ޓެކް ކެމްޕޭނަރުން ވަނީ ގްރޮކްގެ ފީޗާތައް ހަމައެކަނި ފައިސާ ދައްކާ މީހުންނަށް ހަނިކުރުމަށް ނިންމި ނިންމުމަށް ފާޑުކިޔާފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި އެއީ ޖިންސީ ޑީޕްފޭކް ކޮންޓެންޓާ މެދު އޮތް ކަންބޮޑުވުންތަކަށް އޮތް ހައްލެއް ނޫނެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ބުރާސްފަތި ދުވަހު ވިދާޅުވީ، އިނގިރޭސިވިލާތުގައި ގްރޮކް މަނާކުރުން ހިމެނޭހެން "ހުރިހާ ފިޔަވަޅެއް އެޅުމުގެ އިޚްތިޔާރު" އޮންނަން ބޭނުންފުޅުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!