ކޮންމެ މުސްލިމް މައިންބަފައިންނެއްގެ ވެސް އެންމެ ބޮޑު އުންމީދަކީ އެބައިމީހުންގެ ދަރީންނަކީ ޞާލިޙު، ދީންވެރި އަދި ނަމާދަށް ލޯބިކުރާ ބަޔަކަށް ވުމެވެ. ނަމަވެސް މިކަމަކީ ހަމައެކަނި ދުލުން ބުނެލާ ބަހަކުން ނުވަތަ ވަކި އުމުރަކަށް ދިއުމުން އަމިއްލައަށް އުފެދޭނެ ކަމެއް ނޫނެވެ. ދަރީންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖެއްސުމަށްޓަކައި އަޅަންޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި އަންހެނުން އިޚުތިޔާރުކުރުމެވެ. ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ފާފަވެރިވާނެއެވެ. މިކަން ވަނީ މިއަދުގެ ހުކުރު ޚުތުބާގައި އަހަރެމެންނަށް ހަނދާންކޮށްދީފައެވެ.

''ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުން'' މި މައުޟޫއަށް މިއަދު ގެނެސްދިން ހުތުބާގެ މުހިންމު ބައެއް ބައިތަކަށް ބަލައިލާއިރު،

Ad
rt

ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ފާފަވެރިވާނެ

މި މަތިވެރި ވާޖިބަށް ތިބާގެ ދަރީން ލޯބިޖައްސުވައި، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ތަރުބިޔަތުކުރާންޖެހެއެވެ. އަދި އެ ކަމުގައި އިހުމާލުވެއްޖެ ނަމަ، ތިބާގެ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި އާޚިރަތުގައި ބޮޑުވެގެންވާ ހިތާމައެއް ނޫނީ ނުލިބޭނެއެވެ. އެ ދަރީންނަކީ މާތް ﷲ ތިބާއަށް ދެއްވި ވަރަށްބޮޑު ނިޢުމަތެކެވެ. އަދި އެ ދަރީންނާ މެދު މަސްއޫލުވާންޖެހޭނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ފިރިމީހާއީ އޭނާގެ އަނބިދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެފަރާތްތަކާ މެދު އޭނާއާ ސުވާލުކުރެއްވޭނެއެވެ. އަދި އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތަކާއި ދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެ ފަރާތްތަކާ މެދު އޭނާޔާ ސުވާލުކުރެއްވޭނެއެވެ." (أخرجه البخاري (٢٥٥٤)، ومسلم (١٨٢٩)) އެހެންކަމުން ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ފާފަވެރިވާނެއެވެ.

ދީންވެރި މައިން އިޚުތިޔާރުކުރުމުގެ މުހިންމުކަން

އަހަރެމެންގެ ދަރީންނަކީ ނަމާދަށް ލޯބިކުރާ ދަރީންތަކެއްކަމުގައި ހެދުމަށް ޓަކައި އަޅާން ޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި މައިން އިޚުތިޔާރުކުރުމެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަންހެނަކާ ކައިވެނިކުރެވެނީ ހަތަރު ކަމަކަށް ޓަކައެވެ. އެއީ، އޭނާގެ މުދަލާއި، އޭނާގެ ޙަސަބާއި، އޭނާގެ ރީތި ކަމާއި، އޭނާގެ ދީންވެރިކަމެވެ. ފަހެ ތިބާ ދީންވެރި މީހާ އިޚުތިޔާރުކުރާށެވެ! އޭރުން މާތް ﷲ ތިބާއަށް ބަރަކާތްލައްވާނެތެވެ." މި ޙަދީޘްފުޅުން އެނގިގެންދަނީ އާއިލާއެއް ބިނާކުރުމުގައި ދީންވެރިކަމަށް އިސްކަންދިނުމުގެ މުހިންމުކަމެވެ. މަންމައަކީ ދަރިފުޅުގެ ފުރަތަމަ މަދަރުސާއެވެ. މަންމަގެ ދީންވެރިކަމާއި ތަޤުވާވެރިކަން ދަރިފުޅުގެ ކިބައިގައި އަށަގަތުމަކީ ދަރިފުޅުގެ މުސްތަޤުބަލު ބައްޓަންވެގެންދާނެ ގޮތެވެ.

ހެޔޮލަފާ ދަރީން ދެއްވުން އެދި ދުޢާކުރުން

ދަރީން ނަމާދަށް އަހުލުވެރިކުރުވުމަށްޓަކައި ދެވަނައަށް ކުރަންޖެހޭ ކަމަކީ މާތް ﷲގެ ޙަޟުރަތުގައި ދުޢާކުރުމެވެ. ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިފުޅު ނަމާދު ޤާއިމުކުރާ މީހަކު ކަމުގައި ލެއްވުމަށް އެދިވަޑައިގެން ދުޢާކުރެއްވިއެވެ. ކީރިތި ޤުރްއާނުގައިވާ ފަދައިން އެކަލޭގެފާނު ދުޢާކުރެއްވީ އެކަލޭގެފާނުގެ ދަރިފުޅު ގަހެއް ރުކެއް ނެތް ވާދީއެއްގައި ވަޒަންވެރިކުރެއްވީ ނަމާދު ޤާއިމުކުރުމަށްޓަކައި ކަމަށެވެ. މިއީ މިއަދުގެ މައިންބަފައިންނަށް އޮތް ވަރަށް ބޮޑު އިބުރަތެކެވެ.

ނަމާދުގެ މަތިވެރިކަމާއި ދަރުމަ ކިޔައިދިނުން

ދަރީންނަށް ނަމާދަށް ލޯބިޖެއްސުމަށްޓަކައި، ނަމާދުކުރުމުން ލިބޭނެ ޘަވާބާއި ދަރުމައިގެ ވާހަކަ ކިޔައިދޭންޖެހެއެވެ. ޚާއްޞަކޮށް ފިރިހެން ދަރީން މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދުކުރުމަށް ބާރުއަޅަންޖެހެއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރައްވައިފައިވާ ގޮތުގައި އެކަނިހުރެ ކުރާ ނަމާދަށްވުރެ ޖަމާޢަތުގައި ކުރާ ނަމާދުގެ ޘަވާބު ހަތާވީސް ގުނަ އިތުރެވެ. އަދި ޤިޔާމަތް ދުވަހުގެ ގަދަ ހޫނުން ސަލާމަތްވެ، މާތް ﷲގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭ ހަތް ބާވަތުގެ މީހުންގެ ތެރޭގައި މިސްކިތަށް ހިތްޖެހިފައިވާ މީހުން ހިމެނޭކަން ދަރީންނަށް ބުނެދޭންޖެހެއެވެ.

ރިވެތި ނަސޭހަތާއި ނަމޫނާ ދެއްކުން

ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތަކީ މިއަދުވެސް އަޅުގަނޑުމެން ނަމޫނާއަކަށް ބަލަންޖެހޭ ކަމެކެވެ. އެކަލޭގެފާނު ވިދާޅުވީ ނަމާދު ޤާއިމުކުރުމަށާއި، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަށެވެ. މައިންބަފައިންނަކީ ނަމާދަށް ރައްކާތެރިވާ ބަޔަކަށް ވެއްޖެނަމަ، ދަރީން އެކަން ފެނި އެކަމަށް ޝައުޤުވެރިވާނެއެވެ. އެހެންކަމުން، ދަރީންނަށް ނަމާދަށް އަމުރުކުރުމުގެ ކުރިން މައިންބަފައިންނަކީ ނަމާދުގެ ނަމޫނާއަކަށް ވާންޖެހެއެވެ.

ދަރީންނަކީ ނަމާދަށް ލޯބިކުރާ ބަޔަކަށް ހެދުމުގެ ބިންގަލަކީ ދީންވެރި މަންމައެއް

ޖުމްލަކޮށް ބަލާއިރު، ދަރީންނަކީ ނަމާދަށް ލޯބިކުރާ ބަޔަކަށް ހެދުމުގެ ބިންގަލަކީ ދީންވެރި މަންމައެކެވެ. އޭގެ ފަހުގައި މާތް ﷲއަށް ދުޢާކުރުމާއި، ރިވެތި ނަސޭހަތް ދިނުމާއި، ނަމާދުގެ ދަރުމަ ކިޔައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. މިކަންކަމަށް ސަމާލުކަން ދީފިނަމަ، އަޅުގަނޑުމެންގެ ދަރީންނަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންވާ، ނަމާދަށް ފަރުވާތެރިވާ ކުދިންތަކަކަށް ވާނެކަން ކަށަވަރެވެ.