2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ބަހައްޓާނެ ވޯޓު ފޮށިތަކުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.

4 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ.

Ad
rt

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މަޢުލޫމާތުގައި ވޯޓުފޮށީގެ ނަންބަރު، ކޯޑު، ވޯޓުލާ ސަރަޙައްދު އަދި ފޮށި ބަހައްޓާ ރަށާއި ތަނުގެ ތަފްސީލުތައް ހިމަނާފައިވެއެވެ.

މި އިންތިޚާބުގައި އަތޮޅުތެރޭގެ ރަށްތަކުގައި 321 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި ސިޓީތަކުގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޖުމްލަ 240 ވޯޓު ފޮށި ބެހެއްޓޭނެއެވެ.

އަތޮޅުތަކާއި ސިޓީތަކުގެ އިތުރުން، އިޤްތިޞާދީ އަދި އެހެނިހެން ދާއިރާތަކަށް ޚާއްޞަކޮށްގެންވެސް ވޯޓު ފޮށިތައް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރިސޯޓްތަކުގައި 50 ވޯޓު ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވޯޓުލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ބޭރު ގައުމުތަކުގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

މި އިންތިޚާބަކީ ޖުމްލަ 225 ދާއިރާއަކުން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ.

ވޯޓު ފޮށިތަކާ ގުޅޭ އެންމެހައި ތަފްސީލްތައް މިހާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.