ކުޅުދުއްފުށީ ސިޓީގައި ބާއްވާ "ޑަބްލިޔުޑީސީ އެކްސްޕޯ 2026" އަންނަ ހޮނިހިރު (10 ޖަނަވަރީ 2026) ދުވަހު އޮންނާނެކަމަށް ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނެފިއެވެ.
މި އެކްސްޕޯއަކީ ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ އެކްސްޕޯއެކެވެ.
މި އެކްސްޕޯ ބާއްވަން ނިންމާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 08:30 އިން ރޭގަނޑު 22:00 އަށް ކުޅުދުއްފުށީ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައެވެ.
މި އެކްސްޕޯއާއި ގުޅިގެން ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އާންމުކުރި މެސެޖެއްގައި ބުނީ މިފަހަރުގެ އެކްސްޕޯގައި ފިރިހެން ބޭފުޅުންނަށް ވެސް ހާއްސަ ސްޓޯލްތައް ހުންނާނެކަމަށެވެ.
މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ހާއްސަ ގުރުއަތު ނެގުމެއް އޮންނާނެކަމަށާއި، ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމު ދޭގޮތަށް ހަމަޖެހިފައިވާކަމަށް ވެސް ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުންޏެވެ.
މި އެކްސްޕޯގައި 26 ފަރާތަކުން ބައިވެރިވެފައިވާއިރު ކޮންމެ ސްޓޯލަކުން ވެސް ތަފާތު ވިޔަފާރި ފެނިގެންދާނެކަމަށް ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބުނެފައެވެ.
ޑަބްލިޔުޑީސީ އެކްސްޕޯ ގެ މަގުސަދަކީ ކުޅުދުއްފުށީގެ ހުނަރުވެރި މަސައްކަތްތެރިންނަށާއި އަމިއްލަ ވިޔަފާރިތައް ކުރައްވަމުން އަންނަ އަންހެން އަދި ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން، އެފަދަ މަސައްކަތްތަކާއި ވިޔަފާރިތައް އިސްތިހާރުކުރުމުގެ މަގު ފަހިކޮށްދީ، އެފަރާތްތަކުގެ އުފެއްދުންތައް އެއްތަނަކުން ދައްކާލެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!