ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލާގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިތުރު 23 އަހަރަށް ޖަލަށްލައި, ބޮޑު ޖޫރިމަނާއެއް ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި ކުރިން ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށްލާފައިވާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އޭނާ ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.
ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ލިބުނު އެ ފައިސާ، ދައުލަތުން ދައުވާ ކުރާ ގޮތުގައި، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެއީ ޑޮލަރު މާރުކުރަން ކަމަށް ބުނެ އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމިން ކުންފުންޏަށް ދީގެންނެވެ.
އެ މައްސަލާގައި ބައްސާމްގެ މައްޗަށް ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކުރިއިރު, އަމިން ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ވެސް ކުރި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ނިންމީ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.
ހިޔާނާތުގެ ކުށުގައި އަށް އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު, މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އަދި ލޯންޑާކުރި ފައިސާގެ އަދަދު ފަސް ގުނަ އަދަދު ކަމަށްވާ 44.7 މިލިއަން ރުފިޔާއިން އޭނާ ޖޫރިމަނާ ކުރަން ކޯޓުން ނިންމި އެވެ.
އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު މިއަދު އިއްވި ހުކުމްގައިވާ ގޮތުން އެފްއޭއެމްގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުރެ ހިންގި އެ ހިޔާނާތުގެ ސަބަބުން އެތަން މާލީ ބޮޑު އަނދަވަޅަކަށް ވެއްޓުނެވެ. އަދި މުވައްޒަފުންނަށް މުސާރަ ނުދެވިގެން އެތައް ލޯނުތަކެއް ނަގައި، އެ ތަން އެއްކޮށް ދަރަނިވެރިވި ކަން ވެސް ހުކުމްގައި ފާހަގަކުރި އެވެ.
މީގެ އިތުރުން އެފްއޭއެމްއިން ނެރުނު 1.2 މިލިއަން ޑޮލަރަކީ އެފްއޭއެމްއަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރަން ބައްސާމްގެ މައްޗަށް އަމުރުކުރި އެވެ.
މިއަދު ބައްސާމް މައްޗަށް އިއްވި 23 އަހަރުގެ ޖަލު ހުކުމާ އެކު އޭނާގެ މައްޗަށް ޖުމްލަ 32 އަހަރުގެ ޖަލު ހުކުމް މިހާރު އެބަ އޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!