މާލޭގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އިންޑިއާގެ ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ބަނގުރާ އުފައްދައި، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

Ad
rt

ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަނަކީ މި ހިނގާ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ބުނި ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ މައްޗައްގޯޅި އަވަށުގެ ގެއެއް ބަލައިފާސްކުރުމަށްފަހުގައެވެ.

އެ ގެ ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ހަތަރު ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިއީ ބަނގުރާ ކައްކައި އުފެއްދުމަށް ބޭނުންކުރާ ތަކެތި ކަމަށް ބެލެވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ ޕެރިޔަ، 43 އަހަރުގެ ސަރަވަނާން ސުބާއިހް، 53 އަހަރުގެ ސިތްރިމަން ގަނިސަން، 37 އަހަރުގެ ރަވިންދުރަ ކުމާރު އަދި 47 އަހަރުގެ ރާޖާ ރަމަލިންގަމް އެވެ. މި ފަސް މީހުންނަކީ ވެސް އިންޑިއާގެ ރައްޔިތުންނެވެ.

ފުލުހުން ބުނީ، ހައްޔަރުކުރެވުނު ފަސް މީހުން ވެސް މިހާރު ވަނީ ޑީޕޯޓްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.