މި ޒަމާނުގައި ހަދައިފައި ހުރި ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަކީ، އިސްލާމީ ޝަރީޢަތާ ތަޢާރުޟުވާ އެއްޗެއް ނޫން ކަމަށާއި، އަދި އެއާ އެއްގޮތަށް ޢަމަލުކުރުމަކީ ވާޖިބުކަމެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!" މި މަޢުލޫއަށް މިއަދު ރާއްޖޭގައި ގެނެސްދިން ހުކުރު ހުތުބާގައި، ދަތުރުފަތުރުގެ ޤަވާޢިދުތަކަށް ތަބާވުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
ހުތުބާގައި ބުނެފައިވާ ގޮތުގައި، މާތް ﷲ ދެއްވައިފައިވާ ހުރިހައި ނިޢުމަތްތަކަށް އިންސާނާ ޝުކުރުވެރިވާން ޖެހެއެވެ. އޭގެ ތެރޭގައި ހިމެނޭ ބުއްދީގެ ނިޢުމަތާއި، ފެނުމުގެ ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ، އެ ނިޢުމަތަށް ޝުކުރުކޮށް ޤަދަރުކުރުމެވެ. އެގޮތުން، އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުތަކުގައި ވިސްނުންތެރިކަމާ އެކު ލޮލުގެ ބޭނުންހިފަން ޖެހެއެވެ.
އެއްގަމު އުޅަނދުތައް ދުއްވާ މީހުން ދަތުރުފަތުރާ ގުޅޭ ނިޝާންތަކާއި، ބާރުމިން އަންގައިދޭ ބޯޑުތަކާއި، ޓުރެފިކް ލައިޓުތަކާއި، ޓުރެފިކް ޕޮލިހުގެ އިރުޝާދަށް ތަބަޢަވާން ޖެހޭނެ ކަމަށް ހުތުބާގައި ބަޔާންކުރިއެވެ. އަދި މަގުހިނގާ މީހުންނާއި، މަގުގެ ބޭނުންކުރާ މީހުން، މަގުމަތީގެ އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވާންޖެހެއެވެ.
ހުތުބާގައި އިޝާރާތްކުރި ގޮތުގައި، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ޒަމާނުގައި އިންޖީނުލީ އުޅަނދެއް ނެތް ނަމަވެސް، މަގުހިނގާ މީހުންގެ ޙައްޤުތަކާއި، މަގު ބޭނުންކުރާ މީހުން ތަބަޢަވާންޖެހޭ އުޞޫލުތަކާއި، ވާޖިބުތަކެއް އޭރުވެސް ހުއްޓެވެ. އެ ޙައްޤުތަކާއި ވާޖިބުތަކުގެ ބޭނުމަކީ، ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަމެވެ. އެއްވެސް މީހަކަށް އަނެކާއާ ހުރެ އުނދަގުލެއް ފޯރިއަނުދިނުމެވެ.
މި މޭރުމުން ވިސްނައިލާ އިރު، މި ޒަމާނުގައި ހަދައިފައި ހުރި ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަކީ، އިސްލާމީ ޝަރީޢަތާ ތަޢާރުޟުވާ އެއްޗެއް ނޫން ކަމަށާއި، އެ ޤަވާޢިދުތަކަށް ޢަމަލުކުރުމަކީ ވާޖިބުކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެއީ އެ ޤަވަޢިދުތަކަކީ ޢާންމު މަޞްލަޙަތާއި، މީހުންގެ މުދަލާއި، ފަރުދުންނާއި، ޖަމާޢަތުގެ ރައްކާތެރިކަމަށް ޓަކައި، ހެދިފައިވާ އެއްޗަކަށްވާތީއެވެ. އިސްލާމް ދީނުގައި، ގެއްލުންދިނުމެއް އަދި ގެއްލުންލިބިގަތުމެއް ވެސް ނެތްކަން ފާހަގަކޮށް، މާތް ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘްފުޅު: (لَا ضَرَرَ وَلَا ضِرَارَ) ގެ މާނަ ކަމުގައިވާ "ގެއްލުންދިނުމެއް އަދި ގެއްލުންލިބިގަތުމެއް ވެސް ނުވެއެވެ." މި ޙަދީޘް ހުތުބާގައި ގެނެސްފައިވެއެވެ.
ޓުރެފިކް ޤަވާޢިދާ ޚިލާފުވުމަކީ، އޭގެ ސަބަބުން ތިމާގެ އަމިއްލަ ނަފުސަށާއި، އެހެން މީހުންނަށާއި މުދަލަށް ގެއްލުން ލިބިދާނޭ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفسތައް ހަލާކުގެތެރެޔަށް އެއްލައިނުލާށެވެ!" (سورة البقرة: 195)
މުސްލިމް އަޚުންނަށް ހިތާބުކުރައްވަމުން ހުތުބާގައި ބުނެފައިވަނީ، މަގުމަތި، އަމާން ތަނަކަށް ހެދުމަށް ޓަކައި ހުރި އިރުޝާދުތައް ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތުން ފެންނާން އެބަހުރި ކަމަށެވެ. އަދި މަގުމަތީގައި މީހަކަށް އުނދަގުލެއްވާ ގޮތަށް، ހުންނަ ތަކެތި އެއްފަރާތްކޮށްލުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމުގައި ހުތުބާގައި ބަޔާންކޮށްފައި ވެއެވެ.
މާތް ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْإِيـْمَانُ بِضْعٌ وَسَبْعُوْنَ أَوْ بِضْعٌ وَسِتُّوْنَ شُعْبَةً، فَأَفْضَلُهَا قَوْلُ لَا إِلَـٰهَ إِلَّا اللهُ، وَأَدْنَاهَا إِمَاطَةُ الْأَذَى عَنِ الطَّرِيْقِ)، މާނައީ: "އީމާންކަން ހަތްދިހަ އެތައް ދަރަޖައަކަށް ނުވަތަ ފަސްދޮޅަސް އެތައް ދަރަޖައަކަށް ބެހިގެންވެއެވެ. އޭގެ އެންމެ މަތިވެރި ދަރަޖައަކީ، "لَا إِلَـٰهَ إِلَّا اللهُ" ކިއުމެވެ. އަދި އޭގެ އެންމެ ދަށުދަރަޖައަކީ، މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް ހުންނަ ތަކެތި އެއްފަރާތްކުރުމެވެ." (أخرجه البخاري (9) ومسلم (٣٥) واللفظ لمسلم.)
ހުތުބާގައި ބުނީ، މަގުމަތީގައި ނުރައްކާތެރި ހާދިސާތައް އެންމެ ގިނައިން ހިނގަނީ، އުޅަނދުފަހަރު ދުއްވާ މީހުން ޤަވާޢިދާ ޚިލާފުވެގެންކަމަށެވެ. އަދި އަނެއްބައި ފަހަރު ފަރިތަކަމާއި، ކުޅަދާނަކަން ދަންކާން އުޅޭންހަދައިގެން ކަމަށެވެ. އަހަރެމެން މި ބިންމަތީގައި ހިނގައިބިނގައި އުޅޭން ޖެހޭނީ، ބޮޑާކަމެއް ނެތިކަމަށް ބަޔާންކޮށް ހުތުބާގައި ބުނީ، ކިބުރުވެރިކަމާއި، ބޮޑާކަމާއި، ކަންދެއްކުމަކީ، މާތް الله ރުއްސަވާ ސިފަތަކެއްނޫންކަމަށެވެ. ލުޤްމާނުގެފާނު އެ ކަލޭގެފާނުގެ ދަރިފުޅަށް ދެއްވި ޢިބުރަތްތެރި ނަސޭހަތުގެ ވާހަކަ މާތް الله ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނުއުޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެން ވެސް ތިބާޔަކަށް ނުދެވޭނެތެވެ." ( سورة الإسراء: 37)
ބައެއް ފަހަރު އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ފަރިތަކަމާއި، ކުޅަދާނަކަން ދައްކާން އުޅެނިކޮށް، ނުރައްކާތެރި ހާދިސާތައް ހިނގާފައިވާކަމަށާއި، އެތައް ބަޔަކަށް ގެއްލުން ވާކަން ވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ނިދިއައިސްފައިވާ ޙާލަތުގައްޔާއި، ހަމަހޭވެރިކަންނުވާ ޙާލަތުގައްޔާއި، ނަފްސާނީ ބުރަތަކެއް ތަޙައްމުލުކުރާ ޙާލަތުގައި، އުޅަނދުފަހަރު ދުއްވުމަކީ ރައްކާތެރިކަމެއް ނޫންކަން ވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!