ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިވުމަކީ އެތައް ގޮތަކުން ފައިދާ ހުރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިން ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަސްޓް ލޭޑީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިވުމަކީ ޢާއިލާއާއި ޤައުމަށް އެތައް ގޮތަކުން ފައިދާ ހުރި ކަމެއް ކަމުގައެވެ.
ވަޒީފާގެ މާހައުލަށް ނުކުތުމުން ޞިއްޙީ ގޮތުންނާއި، މާލީ ގޮތުން ފުދުންތެރިކަން އިތުރުވެ، އައު ރައްޓެހިން ލިބި، ނަފްސާނީ ހިތްހަމަޖެހުން ލިބޭނެކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ވަޒީފާގެ ފުރުޞަތުތަކަކީ ހަރުދަނާ ސިފަތައް އަށަގަންނަ، އަދި އެކި ހުނަރުތައް ތަރައްޤީކުރުމަށް ލިބޭ ފުރުޞަތެއް ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ރަސްމިއްޔާތުގައި، ސްޓެލްކޯގެ ވަޒީފާއަށް އަލަށް ގުޅުނު 30 ފަރާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޒީފާގެ ލިޔުން ޙަވާލުކޮށްދެއްވިއެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި އެދުވަހު ނިޔާވި ސްޓެލްކޯގެ މުވައްޒަފު އަހްމަދު އަޒްމީލްގެ ހަނދާނުގައި ސުކޫތެއް ގެނެސް، އާއިލާއަށް ތަޢުޒިޔާ ވިދާޅުވިއެވެ.
ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގެ ތެރޭގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކޮށްދޭނެ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!