ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ ވާނުވާ ބަންދުގައި މިވަގުތު 347 މީހުން އެބަތިބިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވަމުންނެވެ.

Ad
rt

މި ބައްދަލުވުމުގައި ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ ވާނުވާ ބަންދުގައި ތިބި މީހުންނާ ގުޅޭ ތަފްޞީލު ހާމަކުރައްވާފައެވެ.

ރައީސްގެ ތަފްޞީލުތަކަށް ބަލާއިރު، ވާނުވާ ބަންދުގައި ތިބި 347 މީހުންގެ ތެރޭގައި މީހުން މެރުމުގެ މައްސަލައިގެ 29 މީހުންނާއި، ޓެރަރިޒަމްގެ މައްސަލަތަކުގެ 20 މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި 117 މީހުންނާއި، މާރާމާރީގެ 70 މީހުންނާއި، ޑްރަގް ޓްރެފިކިންގެ 116 މީހުން ހިމެނެއެވެ.

މިފަދަ ބޮޑެތި މައްސަލަތަކުގައި ތިބި މީހުން ފަސް މިނިޓް ތެރޭ މުޖުތަމައުގެ ތެރެއަށް ދޫކޮށްލަން ދިވެހި ރައްޔިތުން ބޭނުންވާނެތޯ ރައީސް މުޢިއްޒު ވަނީ ސުވާލުކުރައްވާފައެވެ. އަދި މިބައިމީހުންގެ ތެރޭގައި މަނީ ލޯންޑަރިން، ވައްކަންކުރުން، ހަތިޔާރު ބޭނުންކޮށްގެން ވައްކަންކުރުން، ޑޮމެސްޓިކް ވަޔަރލެންސް، ކިޑްނެޕްކުރުން، ހިއުމަން ޓްރެފިކިން، އެއްޖިންސުން ގުޅުން ހިންގުން، ތަންތަން ރޯކުރުން، ހަށިވިއްކުން، އަދި ސްމަގްލްކުރުން ފަދަ އެހެނިހެން ކުށްތަކުގެ މައްސަލަތަކުގައި ތިބި މީހުންވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވާނުވާ"ގެ މައްސަލަތަކުގައި ކުރިން ޝަރީޢަތް ބޭއްވޭނެ ދުވަހެއް ނޭނގި، ދިގުލައިގެންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު ކޯޓުތަކުން ޝަރީޢަތް ތާވަލުކުރާ ދުވަސްތަކާއި، ދެން އޮންނާނެ ދުވަހާ ގުޅޭ މައުލޫމާތު ކުރިއަށްވުރެ މާ ރަނގަޅަށް ހިއްސާކުރަމުން އަންނަ ކަމަށް ކޯޓުތަކުން މައުލޫމާތު ދީފައިވާކަމަށެވެ.