ހދ. ނޮޅިވަރަންފަރު ލާމިގަސް ޕާކްގެ މަސައްކަތް، މިއަދު ރަސްމީކޮށް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ މައިބަދަ ޕްރައިވެޓް ލިމިޓެޑްއާއެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަސް، ބުރާސްފަތި ދުވަހުއެވެ.
ނޮޅިވަރަންފަރު ކައުންސިލުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ޖުމްލަ އަގަކީ 2,184,717.75ރ (ދެމިލިއަން އެއްލައްކަ އަށްޑިހަހަތަރުހާސް ހަތްސަތޭކަ ސަތާރަ ރުފިޔާ ހަތްދިހަ ފަސް ލާރި) އެވެ. މި އަގަކީ ޕާކް ތަރައްޤީކުރުމަށް ހިނގާނެ ހަރަދުގެ އަންދާޒާއެވެ.
މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރަށް ދީފައިވާ މުއްދަތަކީ 100 ދުވަހެވެ. އެގޮތުން، ލާމިގަސް ޕާކްގެ މަސައްކަތް 2026 ވަނަ އަހަރުގެ މާރޗް މަހުގެ 01 ވަނަ ދުވަހުގެ ކުރިން ނިންމަން ޖެހެއެވެ.
މި ޕާކް ތަރައްޤީކުރުމުގެ މަސައްކަތް ނިމި، ރައްޔިތުންނަށް ހުޅުވާލުމުން، ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!