ކުޑަކުދިންނަށް ދިނުމަށް ބޭނުންކުރާ ފޯމިއުލާއެއްގައި ބައްޔެއް ފަތުރާ ޖަރާސީމެއް ހުރިކަން ފާހަގަވުމާ ގުޅިގެން، އެ އުފެއްދުން ރާއްޖޭގައި ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
މި ފިޔަވަޅު އަޅާފައިވަނީ، އެމެރިކާގެ އުފެއްދުމެއް ކަމަށްވާ ”ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ“ އިން ކުލޮސްޓްރިޑިއަމް ބޮޓުލިނަމް ޖަރާސީމު ފެނިފައިވާތީ އެވެ.
އެމްއެފްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޖަރާސީމަކީ ބޮޓުލިޒަމް ކިޔާ ނުރައްކާތެރި ބައްޔެއް ފަތުރާ ޖަރާސީމެކެވެ. އެހެންކަމުން، ކުޑަކުދިންގެ ސިއްހަތަށް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މި ބްރޭންޑުގެ ފޯމިއުލާތައް ރާއްޖޭގެ ބާޒާރުން ނެގުމަށް ވަނީ އަންގާފަ އެވެ.
އެމްއެފްޑީއޭ އަށް މި މައުލޫމާތު ލިބިފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް (އިންފޮސާން) މެދުވެރިކޮށެވެ. އެމެރިކާގެ އެފްޑީއޭ އިން ވަނީ މި އުފެއްދުން ބާޒާރުން ނެގުމަށާއި، ވިއްކުން ހުއްޓާލުމަށް، އަދި ނައްތާލުމަށް އަންގާފަ އެވެ.
މިކަމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ”ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ“ ބްރޭންޑުގެ ހުރިހާ ބެޗެއް ވެސް ރާއްޖެއަށް އެތެރެކުރުމާއި، އަދި ރާއްޖޭގައި ވިއްކުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭ އިން ވަނީ ކަނޑައަޅާފަ އެވެ.
އެ އޮތޯރިޓީން އިތުރަށް އިލްތިމާސްކުރަނީ މި ފޯމިއުލާ ބޭނުންކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށާއި، ބާޒާރުގައި މި އުފެއްދުން ހުރިނަމަ އެކަން އެމްއެފްޑީއޭ އަށް ރިޕޯޓުކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!